މިދިޔަ ޖުލައި މަހުން ފެށިގެން ދެކުނު ސޫދާންއަށް ކުރަމުންދާ ގަދަ ވިއްސާރާގައި ބައެއް އާބާދުތައް ވަޒަންވެރިވެފައިވާ ސަރަހައްދުތަކަށް އެކީ އެކައްޗަކަށް ޣަރަގުވެ، އެތައް ސަތޭކަ ހާސް ބައެއްގެ އަމިއްލަ ގެދޮރު ގެއްލިފައިވާ ކަމަށް އިންސާނީ އެހީދޭ އދގެ ޖަމިއްޔާއިން (އޯޗާ)އިން ބުނެފިއެވެ.

އދގެ ރެކޯޑްތައް ދައްކާ ގޮތުން ގަދަ ވިއްސާރައިގެ ސަބަބުން ހިނގާ ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން 9 މިލިއަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އޯޗާއިން ބުނާ ގޮތުގައި މިސަރަހައްދުތަކަކީ ދެކުނު ސޫދާންގައި ހިންގި ދާހިލީ ހަނގުރާމައިގެ ސަބަބުންވެސް ތަކުލީފުތަކެއް އުފުލި ބަޔަކު ދިރިއުޅެމުންދިޔަ ސަރަހައްދުތަކެކެވެ.

ދެކުނު ސޫދާންގައި ހަރަކާތްތެރިވާ އޯޗާގެ އޮފިޝަލަކު ވިދާޅުވީ ހާލަގައި ޖެހުނު ސަރަހައްދުތަކަށް އަދިވެސް ހަމަޖެހުމެއް ނެތް ކަމަށާއި، ކުރިއަށް އޮތް 6 އެއްކަ ހަފުތާގެ މުއްދަތަށްވެސް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސިއްހީ އެހީތެރިކަމާ ކާބޯތަކެތީގެ އެހީތެރިކަން ހޯދުމަށް ގިނަ ބަޔަކަށް ހުރަސްތައް ކުރިމަތިވަމުން އަންނަކަން އދއިން ފާހަގަކުރެއެވެ. މި ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ މީހުންނަކީ، ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމުގެ ކުރިންވެސް ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، އަނަރޫފަ ކަމުގެ ވޭނުގައި އުޅެމުންދިޔަ ބައެއް ކަމަށް އދއިން ބުނެއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައި އޮތުމުގައި އެކުގައިވެސް، ދެކުނު ސޫދާންއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.