ރޭ ދަންވަރު ފަރަށް އެރި މަސް ދޯންޏެއް ފުން ނުކުރެވި އަދިވެސް ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބިކަން އެނގިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އދ. އޮމަދޫއަށް ނިސްބަތްވާ މި ދޯނީގެ ވެރި ފަރާތުން ބުނީ، ބާ އަތޮޅުގެ ފަރަކަށް ދޯނި އެރީ ރޭ ދަންވަރު 11:40 ހާއިރު ކަމަށާއި، އަދިވެސް ދޯނި ފުން ނުކުރެވޭ ކަމަށެވެ. އަދި ދޯނި ފުން ކުރުމަށް އެފަރާތުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާއިރު، މިހާރު ދޯނި ރޫޅެމުންދާ ކަމަށާއި، ދޯނީގެ ބައިތަށް ވަކިވާން ފަށާފައިވާ ކަމަށް އޭނާ ބުނެއެވެ.

ދޯނީގެ ވެރިފަރާތުން ބުނީ، ދޯނި ފަރަށް އެރުމުން އެހީ ހޯދުމަށް ފުލުހުންނަށް ގުޅި ކަމަށާއި، ދޯނީގެ ފަޅުވެރިން ސަލާމަތް ކުރުމަށް ފުލުހުން ދިޔަ ކަމަށެވެ. ނަމަވެސް، ދޯނި ދޫކޮށްލާފައި ދާން އެއްވެސް ފަޅުވެރިއަކު ބޭނުން ނުވުމުން، ހެނދުނު އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެ ފުލުހުން ދިޔައީ ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 10:00 ޖެހި އިރު ވެސް ފުލުހުންގެ އެހީއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުނެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އަދިވެސް ބަލަމުންދާ ކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް ގުޅުމުން، އެ ފަރާތުން ވަނީ މި ހާދިސާގައި ހަރަކާތްތެރިވީ ފުލުހުުން ކަމަށް ބުނެފައެވެ. އަދި މި ދޯނި މިހާރު ރޫޅެމުންދާ ކަމުގެ މައުލޫމާތު ދިނުމާ އެކު އެމްއެންޑީއެފުން ވަނީ، އެ ދޯންޏަށް އެހީތެރިވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ދޯންޏަކީ، 90 ފޫޓުގެ 'ޕްލޫޓޯ' ނަމަކަށް ކިޔާ ދޯންޏެކެވެ.