މިއަހަރު ރާއްޖޭގައި ޖުޒާމް ބަލި ޖެހިފައިވާ ތިން މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގދ. ފަރެސްމާތޮޑާގައި ޖުޒާމުބަލި ފެތުރެމުންދާކަމަށް ބުނެ އެރަށުގެ ސިއްހީ މަރުކަޒުން އިއުލާނެއް ނެރުމަށްފަހު އެ އިއުލާނު އަނބުރާވަނީ ގެންގޮސްފަ އެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވްރެޖުކޮށް ފެނިފައިވަނީ އަހަރަކު 3 - 7 ބަލިމީހުންނެވެ. އަދި މިއަހަހަރު މިހާތަނަށް ފެނިފައިވަނީ ލެޕްރަސީ ޖެހިފައިވާ 3 މީހުންކަމަށެވެ. ލެޕްރަސީ އަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ގަވާއިދުން ބޭސް ބޭނުން ކުރުމުން އެއްކޮށްފަސޭހަ ކުރެވޭ ބައްޔެކެވެ.

އެޗްޕީއޭއިން ބުނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ލެޕްރަސީ މުޅިން އެއްކޮށް ނައްތާލުމަށްޓަކައި މިއަހަރުޖޫންމަހު ފެށިފައިވާ "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީ އަށް ސްކްރީންކުރަން ވަނީ ފެށިފައެވެ. އެގޮތުން ގދ. ފަރެސްމާތޮޑާގައިވެސް ސްކްރީނިން ޕްރޮގްރާމް ވަނީ ފެށިފައެވެ. މި ގޮތަށް ސްކްރީންކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުމެވެ. ގދ. ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ސްކްރީނިންގް ޕޮރޮގްރާމަށް ރަށުގެ ވީހާވެސް ގިނަ މީހުން ގެނައުމަށް ބާރުއަޅުއްވައި ރައްޔިތުންނަށް އަންގަވަމުން ގެންދަވައެވެ. ލެޕްރަސީ ނުވަތަ ޖުޒާމު ބައްޔަކީ މިހާރުވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެކެވެ. އެހެންނަމަވެސް، އެޗްޕީއޭއިން ބުނީ މިބަލި ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް މަދުކުރެވިފައިވާ ކަމަށް 1997 ގައި ފާހަގަ ކޮށްފައިވާ ކަމަށެެވެ.

ލެޕްރަސީގެ ކޮންމެ ބަލި މީހަކީވެސް، ބަލި ދެނެގަނެވުމާއެކު ކަމާ ބެހޭ ޑޮކްޓަރުންނާއި އެޗްޕީއޭގެ ހާއްސަ ބެލުމުގެ ދަށުން ފަރުވާ ފެށި، އަދި މުޅިން ރަނގަޅުވަންދެން ބަލިމީހާގެ ހާލަތު ބެލެހެއްޓެމުންދާ މީހެކެވެ. އަދި ބަލިމީހާގެއާއިލާ އަށާއި ގާތް މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އޮޅުންފިލުވައިދިނުމާއެކު، ބަލިމީހާ ދިރިއުޅޭ ރަށުގެސިއްހީ ހިދުމަތްދޭ މަރުކަޒުން ގާތުން މޮނިޓާ ކުރެވެމުން ދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.