ރާއްޖޭގެ ރަށްތަކުގައި ބިން ހިއްކުމަށްޓަކައި ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ލޯނު ނަގައިގެން އެ މަސައްކަތް ކުރުމުގެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލިބިގެން ދިޔަ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރީ ރައްޔިތުންގެ ބޮލުގައި އެޅިގެންދާ މާލީ ބުރަ ބޮޑުކަމުން، ސަލާމަތްވުމަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން އެކަމާ ގުޅިގެން ޑރ. މުއިއްޒު މިއަދު ވިދާޅުވީ ތަންތަނުން ލޯނު ނަގައިގެން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުއްޓާލީ ރައްޔިތުންގެ ބޮލުގައި އެޅިގެންދާ މާލީ ބުރައިން ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ރަށްތައް ހިއްކުމަށްޓަކައި ބިން ހިއްކާނެ އަމިއްލަ ޑްރެޖަރެއް ހޯދާފައެވެ. މަހާ ޖައްރާފުގެ ނަމުން ނަން ދީފައިވާ އެ ޑްރެޖަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޓީސީސީން ގެނައީ 36 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ. އެ ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބަލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެގޮތުން މަހާ ޖައްރާފު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2017، އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ.

އެމްޓީސީން ބުނެފައި ވަނީ، މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަހާ ޖައްރާފު އޮވެމެ ސަރުކާރުން ބިޑަކާއި ނުލާ ބޭރުގެ ކުންފުންޏަކަށް މި މަޝްރޫއު ހަވާލު ކުރުމުން ގިނަބަޔަކު އަންނަނީ މިކަމުގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނީ އެ މަޝްރޫއު ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށާއި އެ މަޝްރޫއު ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭނެ ކަމަށެވެ.