އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި އަންބަރީ ދޯނި، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން އެންޑް އެގްރިކަލްޗާ އިން 50000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ރާއްޖޭގެ އުތުރުން ރާއްޖެއާއި އިންޑިއާއާއި ގުޅޭ ކަނޑުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އިންޑިއާ ސަރަހައްދަށް ވަދެ މަލިކުކައިރިން މަސްވެރިކަން ކޮށްފައިވާތީ "އަންބަރީ" ދޯންޏަށް އިދާރީގޮތުން ފިޔަވަޅުއެޅުމަށް ނިންމައި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވަނީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ 73 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނސްޓްރީން މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުތުތަކުގެ ދަށުން މަނާކަމެކެވެ. އަދި ހާއްސަކޮށް ހުއްދަނެތި އެހެންގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމަކީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ އާއި، ރާއްޖޭއިން ތަސްދީގު ކޮށްފައިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި، މުއާހަދާތަކާއި، ގަރާރުތަކާއި ހިލާފު ކަމެކެވެ. އަދި މިގޮތުން ބަލާއިރު މިއީ، ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއްނެތި ކުރާ (އައިޔޫޔޫ) މަސްވެރިކަމުގެ އެންމެ މަތީފަންތީގެ ކުށުގެތެރޭގައި ހިމެނޭ ކުށެއް ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

ފިޝަރީސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، މުޅި ރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކޮށްފާނެކަމެއް ކަމަށެވެ. އަދި މިފަދަ ގާނޫނާއި ހިލާފު އަމަލުތަކަކީ އުޅަނދު ބައިނަލްއަގްވާމީ ގޮތުން ބްލެކްލިސްޓް ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތްކަމަކަށް ވުމާއެކު، މިއީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަކަށް އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތި ވެދާނެކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ، ދިވެހި މަސްވެރި އުޅަނދުފަހަރު ގާނޫނާއި، ގަވާއިދާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށް، މިފަދަ އުޅަނދުފަހަރަށް މަސްވެރިކަންކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.