މޯލިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ މި ސަރުކާރުގެ ރޫހު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
އެމްޑީއެންގެ މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި އިދިކޮޅުގެ ސަޕޯޓަރުން ވަނީ ވެލާނާ ބިލްޑިންގް ކައިރިއަށް މިއަދު އެއްވެފައެވެ. އެމީހުން އެ ސަރަހައްދަށް ދިޔައީ ޔޫތު މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅުމަށް ކަމަށް އިދިކޮޅުން ބުނެއެވެ. ވެލާނާ ބިލްޑިންގް ދޮރުމަތިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިދިކޮޅުން މަސައްކަތް ކުރި ވަގުތު ފުލުހުން ވަނީ އެތަނުން އެމީހުން ފޮނުވާލަން މަސައްކަތް ކޮށްފައެވެ. އެސަރަހައްދުން އިދިކޮޅު ފަރާތްތައް ފޮނުވާލުމުން ދެން އެ މީހުން ވަނީ ރައްޔިތުންގެ މަޖިލިސް ކުރިމަތިން ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މުއިއްޒު ވަނީ، މިހާތަަނަށް ސަރުކާރުން ކޮށްފައިވާ ހުރިހާ އަމަލަކުން އެނގިގެންދަނީ އެމްޑީއެން އުވާލުމަކީ ސަރުކާރު އުވާލުން ކަހަލަ ކަމެއް ގޮތުގައި ދެކޭ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ނަގައިގެން ރައީސް އޮފީހުގައާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް އެބަ ތިބި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެމްޑީއެން އުވާލުމަށް ފިޔަވަޅު އަޅަން ތިން ހަތަރު ހަފްތާ ނަގަން ނުޖެހޭނެ ކަމަށާއި ރައީސްއާއި ހޯމް މިނިސްޓަރާއި ކޮންމެ ފުލުހަކާއި ކޮންމެ ސިފައިންގެ މީހަކުވެސް އިސްލާމް ދީން ހިމާޔާތް ކުރުމަށް ތިބެނީ ހުވާކޮށްގެން ކަމަށާއި، އެކަން ކުރެވެން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ސްޕީޑުގައި އެމްޑީއެން އުވާލުމަށް ތިން ހަތަރު ހަފްތާ ސަރުކާރަށް ލަސް ނުވި ނަމަވެސް ދިވެހި ރައްޔިތުން ދެކޭ ގޮތުގައި އެއީ ލަސް މުއްދަތެކެވެ. އަދި މިހާރުން މިހާރަށް އެމްޑީއެން އުވާލުމަަށާއި އެތަނުގެ އިސް ވެރިންނަށް ފިޔަވަޅު އެޅުމަށް މުއިއްޒު ގޮވާލެއްވިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޔޫތު މިނިސްޓްރީއަށް އިދިކޮޅުން ހަވާލުކުރި ސިޓީގައި އެދިފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްއެންޑީއެންގައި މަސައްކަތް ކުރި މީހުންގެ މައުލޫމާތު ހޯދުމަށް ކަމަށެވެ.
މީގެ އިތުރުން، މިރޭ އިދިކޮޅުން އިންތިޒާމްކޮށްގެން ބާއްވާ ރެލީ ޕީޕީއެމް މައި އޮފީސް ކުރިމަތީގައި އޮންނާނެ ކަމަށް އެފަރާތުން ބުނެއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ އަޑު ސަރުކާރަށް އިއްވުމަށް މިރޭ އިހުތިޖާޖު ކުރަން އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ބުނެފައެވެ.