ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށާއި، މިކަމަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށް ދިވެހި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ފޮރިން ސެކްރެޓަރީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށްވެސް އަދި ހާއްސަކޮށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި އިގުތިސޯދަކަށް ބަދަލުވުމަށް ގައުމުތަކުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

ބާކޫގައި އޮންނަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް މިއަދުގެ ވަގުތެއްގައި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަޒަރްބައިޖާނަށް ވަޑައިގަންނަވާނެކަމަށްވެސް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.