މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު މީހުން ކޮންމެ ހޮރެއްގައި ތިއްބަސް ދަމާނެރޭނެ ކަމަށާއި، އެމީހުންނަށް ދޭންޖެހޭ ހައްގު އަދަބު ދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓު ނެރުނު މީހުން ކޮންމެ ތާކު ތިއްބަސް، ކޮންމެ ހޮރެއްގައި ފިލާ ތިއްބަސް ސަރުކާރުން އެމީހުން ހޯދާ އެމީހުން އެތަނަކުން ދަމާ ނެރޭނެ ކަމަށާއި އެމީހުންނަށް ލިބެންޖެހޭ ހައްގު އަދަބު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މަޖިލިސް މެންބަރުން ކަމުގައި ވިޔަސް، ކޮންމެ ދާއިރާއެއްގައި ތިއްބެވި މެންބަރުން ކަމުގައި ވިޔަސް އަދި އޭގެތެރޭގައި ފުލުހުންނާއި ސިފައިން ކަމުގައި ވިޔަސް އެބޭފުޅުންގެ ގާނޫނީ ވާޖިބު އަދާ ނުކުރައްވާ ނުތިބޭނެ ކަން ކަށަވަރު ކަމަށެވެ.
މިގައުމުގައި ކަންތައް ވަމުންދާ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތްވެސް އެނގިވަޑައިގަންނަވާ ކަަމަށާއި ނަމަވެސް ކުރިއަށް އަންނަން އޮތް ދުވަސްތަކުގައި ކަން ހިނގާނެ ގޮތް އެނގިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެބަޔަކުވެސް އުންމީދު ކުރާ އަދި އެބަޔަކު ވިސްނާ ގޮތްތަކެއް އޮންނާނެ ކަމަށާއި އެއާ ދިމާއަށް ދެވޭނީ މަސައްކަތްތަކެއް ކޮށްގެން ކަމަށް ގާސިމް ވިދާޅުވިއެވެެ. ނަމަވެސް އެކަންކަން ނިންމެނީ ކުރާ ތަދުބީރަކުން ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
މިއަދު ގައުމުގައި ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ މައްޗަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެމްޑީއެންގެ މީހުން އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ގޮން ޖަހާފައި ލިޔެލާ ނޫހަކުން ނުވަތަ ޝާއިއުކޮށްލާ ލިޔުމަކުން މި ރާއްޖޭގެ އިސްލާމްވަންތަަ ކަން ނައްތާ ނުލެވޭނެ ކަމަށެވެ.
އެމްޑީއެންއަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ޑިމޮކްރަސީ ނެޓްވޯކް މިބަސް ބޭނުން ކޮށްގެން އެ ޖަމިއްޔާ ހިންގާތީ "ޑިމޮކްރަސީ" މި ބަހަށް ވެސް އެއީ އޮތް ހުތުރެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 9:00 ޖަހާއިރު އެ ޕާޓީއަށް ސޮއިކުރަން ބޭނުންވާ މީހުން ކުނޫޒަށް އައުމަށް ދައުވަތު ދެއްވިއެވެ. ޖުމްހޫރީ ޕާޓީ ބޮޑު ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ގާސިމް ވިދާޅުވެފައި ވާއިރު އެކި ރަށްރަށުގައި އެ ޕާޓީގެ ގޮފިތައް ހަދާ އެ ޕާޓީއަށް ސޮއިކުރާ މީހުން ގިނަވާން ބޭނުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.