މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ އަޑު ސަރުކާރަށް އިއްވުމަށް މާދަމާރޭ އިހުތިޖާޖު ކުރަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވާނެ ކަމަށާއި މާދަމާ ރޭ ސުލްހަވެރި އިހްތިޖާޖެއް ޕީޕީއެމް އޮފީސް ކުރިމަތީގައި އޮންނާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސް ބުނެ ހަދަމުންދާ ޖަމިއްޔާ ކުށްވެރިކޮށް އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީއެން އުވާ ނުލައި އޮތް އޮތުމަކީ މިވަގުތު ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން މި މައްސަލައިގައި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ އަޑުނާހާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެ އަޑު ނާއްސަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ އެމްޑީއެން އުވާލަން ސަރުކާރަށް ނުކެރިގެން އުޅެނީ ކީއްވެގެންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ އިރު އެކަމަށް ކިހާ ދުވަހެއް ނަގާނެތޯ ވެސް އޭނާ އެއްސެވިއެވެ.
ޝިޔާމް ވިދާޅުވީ އެމްޑީއެންއަކީ ބާރުގަދަ އަދި މި ސަރުކާރުގެ ތެރެއަށް "މޫލާފައި އޮތް ޖަމިއްޔާއަަކަށް ވުރެ ބޮޑު އެއްޗެއް" ގެ ގޮތުގައި މިހާރު ފެންނަމުން ދާ ކަމަށެވެ. ނުރައްކާތެރި ޖަމިއްޔާއެއްގެ ގޮތުގައި އެމްޑީއެން ސިފަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، އެއީ ދިވެހި ރާއްޖެއިން އިސްލާމް ދީން ފޮހެލަން ވަރަށް ރޭވުންތެރި ކަމާއެކު ވިސްނަމުންދާ ބައެއް ކަމަށެވެ.
އެމްޑީއެން އުވާލުމަށް ގޮވާލާ މާލޭގައި އިހްތިޖާޖު ކުރުމަށް އިދިކޮޅުން ނިންމާފައި ވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި އެމްޑީއެން އުވާލުމަށް ގޮވާލާ ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރާއްޖޭގެ 50 އަށް ވުރެ ގިނަ ކައުންސިލުން އެމްޑީއެއްންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ވަނީ ނެރެފައެވެ.