ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު އެޅުމަށް ގުޅީ ފަޅު ހިއްކުމަށް ބިޑަކާ ނުލާ ބޭރުގެ ކުންފުންޏަކަށް ދިނުމުން އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ މައްސަލަ ބެލުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.
އެ މަޝްރޫއު ހަވާލު ކުރި ކުންފުންޏަކީ ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏެވެ. ޕްލޭނިންގް މިނިސްޓްރީން ވަނީ ގުޅީފަޅުން 600 ހެކްޓަރުގެ ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް އެއްބަސްވެފައެވެ. އަދި މިމަޝްރޫއު 180 ދުވަސް ތެރޭ ނިންމުމަށްވެސް އެ ދެ ފަރާތުގައި ވެވުނު އެއްބަސްވުމުގައި ވެއެވެ.
މި ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި ވަނީ، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ބިޑަކާ ނުލައި އެކަން ކުރުން އާންމުންގެ ފާޑުކިޔުން މިނިސްޓްރީއަށާ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. މިނިސްޓްރީން ބުނީ ބިޑަށް ނުލައި އެކަން ކުރީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައިފާ ކަމަށެވެ.
ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ. 2017 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެމްޓީސީސީއަށް މަހާ ޖައްރާފާ ހަވާލުކުރެވުނު ފަހުން ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރެވެން ފެށުނެވެ. އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީން އެވަރުގެ މަސައްކަތެއް ކޮށްދޭނެ އަގު ނޭނގުނަސް އެމްޓީސީސީއާ ގުޅުން ހުރި ފަރާތަކުން ބުނީ ބޮސްކާލިސްއަށް ދިން އަގު ގޯސް ނޫން ކަމަށެވެ.