ޕްރޮސެކުޓާ ޖެނަރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސިއްރުން ހާމަކުރެއްވި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަންތައް ލީކްވި މައްސަލަ ބެލުމަށް އެކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމިޓީގެ ބައެއް ސިއްރުކޮށްގެން ބިޝާމް އެ ނަންތައް ހާމަ ކުރައްވާފައިވީ ނަމަވެސް ފަހުން އެ ވާހަކަތައް ވަނީ މީޑިއާއަށް ތިލަވެފައެވެ.

މިކަމާ ގުޅިގެން، އެކަމާ ގުޅިގެން ސިއްރު ކޮމިޓީގައި ދައްކާ ވަހާކަތައް ލީކްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބު ވަނީ ކޮމިޓީގެ ސިއްރު މައުލޫމާތު އާންމުވި މައްސަަލަ ބެލުމަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން، ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު އަހުމަދު ނާޝިޒް ވަނީ، ކޮމިޓީގެ ސިއްރު ހިފެހެއްޓުން އޮންނަނީ ކޮމިޓީގެ މެންބަރުންގެ އަތްމަތީގައި ކަމަށާއި، އެ މައްސަލަ ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވާ އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިއަދުގެ ކޮމިޓީގައި، ހިތަދޫ އުތުރު ދާއިރާ މެންބަރު އަހްމަދު އަސްލަމް ވަނީ، ސިއްރު ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ލީކުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ތަކުރާރުވާނަމަ ކޮމިޓީތަކާ މައުލޫމަތު ހިއްސާ ކުރުމަށް މުއައްސަސާތަކުން ފަސް ޖެހި އެ މައްސަލަތައް ބެލުމަށް ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށެވެ.