ލޯކަލް ކައުންސިލާ ދިމާކޮށް ލ. ފޮނަދޫގެ އާބާދީ 3000 އަށް ގެންދަން މަސައްކަތް ފަށާއިފިއެވެ.

މިއަދު ލ. ފޮނަދޫ ކައުންސިލުން ވަނީ އެ ރަށުގެ އާބާދީގައި 3000 މީހުން ހަމަކުރުމަށް ރަޖިސްޓްރީވާން ހުޅުވާލައި އަދި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާ 5 ފަރާތަަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖައްސާފައެވެ.

އެ ރަށު ކައުންސިލުން ބުނީ، ރާއްޖޭގެ ރަށެއްގެ އާބާދީ ވަކި ވަރަކަށް އިތުރު ކުރުމަކީ މީގެ ކުރިން ނުކުރާ ކަމެއް ކަމަށާއި އިގުތިސޯދީ ގޮތުން ރަށަށް ކުރިއެރުންތަކެއް ލިބޭނީ އާބާދީ ބޮޑުވެގެން ކަމަށާއި އެރަށުގައި އަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން އެ ރަށުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ވާ މިހުންގެ ތެރެއިން 5 މީހަކަށް 3،000 ރުފިޔާ ގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ. އަދި ރަށުގައި ރަޖިސްޓްރީ ނުވެ ގިނަ އަހަރުތަކެއް ވަންދެން ދަރިންނަށް ކިޔަވައިދޭން ކުލިދައްކައިގެން އުޅޭ މީހުން، ރަޖިސްޓްރީވުމުން ގޯތި ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ރަށުގެ އާބާދީ އިތުރު ކުރުމަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ، ގިނަ ބަޔަކަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ބުނެފައި ވަނީ ރަށުގެ އިގުތިސޯދީ ހާލަތު ރަނގަޅު ނަމަވެސް މާލީ މިނިވަންކަމާ އެކު އުޅެމުން އަންނަނީ އެރަށުން މަދު ބަޔަކު ކަމަށެވެ. އަދި ރަޖިސްޓްރީ ވިޔަސް ވަކި މުއްދަތެއްގައި އެރަށުގައި އުޅެން ނުޖެހޭނެ ކަމަށާއި ރަށުގެ ދަފްތަރު ނުވަތަ ގެއެއްގައި ވެސް ރަޖިސްޓްރީވެވޭނެ ކަމަށް ބުނެފައި ވެއެވެ.

މިހާރުގެ އަމާޒަކީ ފޮނަދޫގެ އާބާދީ 3000 އަށް އެރުވުން ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާ އިރު، ލާމަރުކަޒީ ގާނޫނަށް ކުރީ ސަރުކާރުން ގެނައި ބަދަލުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 5 މެންބަރުން އައްޔަން ކުރެވޭނީ 3000 އަށް ވުރެ މަތީ އާބާދީއެއް އޮންނަ ރަށްރަށުގައެވެ. އަދި އެއަށް ވުރެ އާބާދީ ކުޑަވެއްޖެ ނަމަ ކައުންސިލަށް ހޮވަން ޖެހެނީ ތިން ކައުންސިލު މެންބަރުންނެވެ.

އެހެންކަމުން ލ. ފޮނަދޫ ކައުންސިލުން މި ކެމްޕޭން ހިނގުމުގެ ބޭނުމަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 5 މެންބަރުންގެ ކައުންސިލެއް އުފެއްދުން ކަން ފާހަގަކުރެވެއެވެ.

ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ރަޖިސްޓްރީގައި މިވަގުތު ތިބީ، 2،870 މީހުންނެވެ. އެހެންކަމުން ކައުންސިލްގެ އަމާޒަށް ވާސިލްވާން ބޭނުންވަނީ 130 މީހުންނެވެ.