ގުޅީފަޅު ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏަށް ދިންއިރު މުޅި މަސައްކަތް މިހާރު 35 މިލިއަން ޑޮލަރަށް ނިންމާލެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް 44 މިލިއަން ޑޮލަރަށް ނިންމާލެވޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުން ކޮށްގެން އެ މަސައްކަތް ކުރިނަމަ 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށާއި 7 މިލިއަން ޑޮލަރަށް ތޮށިލާ ނިމޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިން 44 މިލިއަން ކަމަށް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ހާމަ ކުރި އަދަދަކީ 16 މިލިއަން ކިއުބިކް މީޓަރު ކަމަށް ވެފައި ފަހުން އެމިނިސްޓްރީން އަދަދު ބަދަލު ކޮށް 6 މިލިއަން ކިއުބިކް މީޓަރު ކަމަށް ބުނެފައި ވާ ކަމަށެވެ. އެހެން ކަމުން މިހާރު ބިން ހިއްކާ ތޮށިލުން 35 މިލިއަނަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގައި 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 50 މިލިއަން ޑޮލަރަށެވެ. 53 މިލިއަން ޑޮލަރަށް ގުޅީފަޅުން ހިއްކާ ސަރަހައްދުގެ ބޮޑު މިނަކީ 600 ހެކްޓަރެވެ.

ގުޅީފަޅުގެ ބިން ހިއްކަން ބިޑަކާ ނުލައި ބޮސްކާލިސްއަށް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައިވާ އިރު އެމައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ. އަދި ބިން ހިއްކާ ބޮޑު ޑްރެޖަރެއް އޮތް އެމްޓީސީސީން ވަނީ އެ މަޝްރޫއު އެފަރާތަށް ނުދިނުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.