ގުޅީފަޅުން ބިން ހިއްކުމަށް އެކަށީގެންވާ ކުންފުންޏެއް ރާއްޖޭގައި އޮއްވާ ބޭރުގެ ކުންފުންޏަކަށް ދިނުމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ނުރުހުން ފާޅުކުރައްވައިފިއެވެ.

މުސްތަފާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އަކީ ގުޅީފަޅު ބިން ހިއްކުމަށް އެކަށީގެންވާ ޑްރެޖަރެއް އޮތް ކުންފުންޏެއް ކަމަށެވެ. ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުނިން މި ސަރުކާރާ އެކު ހަދާ އެއްބަސް ވުމާމެދު މުސްތަފާ ސުވާލު އުފައްދަވައެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ، ގުޅީފަޅުން ބިން ހިއްކުމަށް ޕްލޭނިންގް މިނިސްޓްރީން މިއަދު ބޭރުގެ ކުންފުންޏަކާ އެކު ބިޑަކާ ނުލައި އެއްބަސްވެފައި ވާތީއެވެ. އެ މަޝްރޫއު ހަވާލު ކުރި ކުންފުންޏަކީ ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏެވެ. ޕްލޭނިންގް މިނިސްޓްރީން ވަނީ ގުޅީފަޅުން 600 ހެކްޓަރުގެ ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް އެއްބަސްވެފައެވެ. އަދި މިމަޝްރޫއު 180 ދުވަސް ތެރޭ ނިންމުމަށްވެސް އެ ދެ ފަރާތުގައި ވެވުނު އެއްބަސްވުމުގައި ވެއެވެ.

މި ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި ވަނީ، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ބިޑަކާ ނުލައި އެކަން ކުރުން އާންމުންގެ ފާޑުކިޔުން މިނިސްޓްރީއަށާ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. މިނިސްޓްރީން ބުނީ ބިޑަށް ނުލައި އެކަން ކުރީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައިފާ ކަމަށެވެ.

ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ. 2017 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެމްޓީސީސީއަށް މަހާ ޖައްރާފާ ހަވާލުކުރެވުނު ފަހުން ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރެވެން ފެށުނެވެ. އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީން އެވަރުގެ މަސައްކަތެއް ކޮށްދޭނެ އަގު ނޭނގުނަސް އެމްޓީސީއާ ގުޅުން ހުރި ފަރާތަކުން ބުނީ ބޮސްކާލިސްއަށް ދިން އަގު ގޯސް ނޫން ކަމަށެވެ.