މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަގަށް ނަގައި މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަޑައިގަތީ ސަލްޓަން ޗެމްބާސް އެލްއެލްޕީގެ ފަރާތުން ކަމަށް އެ ޗެމްބަރުން ބުނެފިއެވެ.
ޑރ. ޖަމީލް ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ، ރިޟްވާން ގެއްލުވާލި މައްސަލާގައި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ޕާސްޕޯޓް ހިފެހެއްޓި، ޖަމީލްގެ އަނބިކަނބަލުންގެ އާއިލީ މީހެއް ކަމަށްވާ އަލީ ޝިޔާމްގެ ދިފާއުގައެވެ. މިކަމާ ގުޅިގެން، ޑރ. ޖަމީލް ހިއްސާދާރުކަން ކުރައްވާ، ސަލްޓަން ޗެމްބާސް އެލްއެލްޕީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެ ނޫސްބަޔާނުގައި ސަލްޓަން ޗެމްބާސް އިން ބުނީ، އެ ލޯ ފާމަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ފުޅާ ދާއިރާއެއްގައި ގާނޫނީ ހިދުމަތް ދެމުން އަންނަ ލޯ ފާމެއް ކަމަށާއި، ޑރ. ޖަމީލަކީ އެ ޗެމްބާގެ ޕާޓްނަރުންގެ ތެރޭއިން ޕާޓްނަރެއް ކަމަށެވެ. އަދި ޝިޔާމްގެ ދިފާއުގައި ޑރ. ޖަމީލް ވަކާލާތު ކުރައްވަމުން ގެންދަވަނީ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި، އެ ޗެމްބަރުގެ ވަކީލެއްގެ ހައިސިއްޔަތުން، ޗެމްބަރަށް ހުށަހެޅުނު މައްސަލައެއްގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ، ކުށުގެ ތުހުމަތު ކުރެވޭ މީހަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށްކުރުމަށް ވާގިވެރިވުން ކަމަށް ބެލުމާއި އަދި އެ މޭރުމުން މީޑިއާތަކުގައި އާއި އެހެނިހެން ފޯރަމްތަކުގައި ވާހަކަ ދެއްކުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ރޫހާއި އަދި ކުރިއަރާފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ އުސޫލާ ތައާރުޒުވާ ކަމެއް ކަމަށެވެ. އަދި އެ ޗެމްބަރުން މަސައްކަތް ކުރަމުން ގެންދާނީ، ގާނޫނީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވަކި މީހަކު ތަފާތު ކުރުމެއް ނެތި ހަމަ ކޮންމެ ފަރާތެއްގެ ހައްގުތައް ވެސް ކަށަވަރުކޮށްދިނުމުގައި ކަމަށް އެ ބަޔާނުގައިވެއެވެ.
ގާނޫނީ ވަކީލެއްގެ ހިދުމަތް ހޯދާ ލިބިގަތުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަން ފާހަގަ ކުރަމުން ސަލްޓަން ޗެމްބާސް އިން ވަނީ، ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ މީހަކަށްވެ ކުށުން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންވާނެ ކަމަށާއި، ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދާ ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކަށް އަލީ ޝިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފް ފެށީ އިއްޔެއެވެ. ރިޟްވާންގެ މަރުގެ މައްސަލައިގައި އަލީ ޝިޔާމާ އެކު 15 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.