ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔައީ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އެބޯޓު އަޑިއަށް ދިޔަ އިރު، އޭގައި 9 މީހުން ތިބިކަމުގެ މަޢުލޫމާތު ވަނީ ލިބިފައި ވާކަމަށާއި އެ 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުން ދިޔަ ރާއްޖޭގެ ބޯޓަކުން ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު މެންދުރު ފަހު ކަމަށެވެ. މި ބޯޓު، ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް ކަމަށްވެސް ކޯސްޓުގާޑުން ބުނެއެވެ.

މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތްތެރިވާ ކަމަށާއި، ކަނޑުން ނެގި 9 މީހުންގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ. މި ބޯޓު އަޑިއަށް ދިޔަ ވަކި ސަރަޙައްދެއް ސާފުވެފައި ނުވާއިރު ބޯޓުގައި ދިވެއްސެއް ހުރި ކަމެއް ނުވަތަ ނޫންކަމެއް އެމްއެންޑީއެފަކުން ނުބުނެއެވެ.

އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.