ޔުނިވާސިޓީ އިމްތިހާނަށް މަކަރު ހެއްދެވި ކަމުގެ ކުށުގައި، ބަންގްލަދޭޝްގެ ވެރިކަން ކުރާ އަވާމީ ލީގުގެ ފަރާތުން ގާނޫނު ހަދާ މިޖިލީހުގައި އިންނަވާ މެމްބަރު ތަމަންނާ ނުސްރަތުގެ ޔުނިވާސިޓީ ޕްލޭސްމަންޓް ގެއްލިއްޖެއެވެ.

މެމްބަރު ތަމަންނާގެ ޔުނިވާސިޓީ ޕްލޭސްމަންޓް ބާތިލު ކުރުމަށް، އޭނާ ކިޔަވަމުންދިޔަ އޯޕަން ޔުނިވާސިޓީއިން ނިންމީ، އޭނާގެ ނަމުގައި އިމްތިހާނުގައި ބައިވެރިވުމަށް 8 މީހަކު ހޯދިކަން ކަށަވަރުވި ހިސާބުންނެވެ.

ބެޗެލާ އޮފް އާޓްސް ޕްރޮގްރާމެއް ހަދަމުންދިޔަ މެމްބަރު ތަމަންނާގެ ނަމުގައި އިމްތިހާނު ހަދާނެ ބަޔަކު ހޮވިކަން ފަޅާ އެރީ، އެކަމުގެ ތުހުމަތު އަމާޒުކުރެވޭ މީހަކާ ބަންގްލަދޭޝްގެ ޓީވީ ޗެނަލަކުން ސީދާ އިމްތިހާނު ހޯލު ތެރޭގައި ސުވާލު ކުރިމަތި ކުރި ހިސާބުންނެވެ.

ބަންގްލަދޭޝްގެ ޕްރައިވެޓް ޓީވީ ޗެނަލެއް ކަމަށްވާ ނާގޯރިކް ޓީވީއިން ބުނީ ފާއިތުވީ 4 ޓާމުގެ ތެރޭގައި 13 އިމްތިހާނެއް ކުރިއަށް ގޮސްފައިވާކަމަށާ، މިއިން އެއްވެސް އިމްތިހާނެއްގައި މެމްބަރު ތަމަންނާ އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންފައި ނުވާކަމަށެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުން އަންހެން މެމްބަރުންނަށް ރިޒާވްކުރެވިފައިވާ 50 ގޮނޑިން 1 ގޮނޑި ފުރުއްވަމުން ގެންދަވާ ތަމަންނާގެ ބަހެއް، މި ކަމުގައި އަދި ލިބޭ ގޮތެއް ނުވެއެވެ.

އޯޕަން ޔުނިވާސިޓީ ވައިސް ޗާންސެލާ އެމްއޭ މަންނާނު ވިދާޅުވީ، އެ ޔުނިވާސިޓީ އެއްވެސް އިމްތިހާނެއްގައި ދެން މެމްބަރު ތަމަންނާއަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށެވެ.

މެމްބަރު ނުސްރަތު ތަމަންނާއަކީ 2011 ވަނަ އަހަރު ދިން ބަޑީގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ޑާކާގެ ނަރްސިންގްދީ ޑިސްޓްރިކްޓްގެ ކުރީގެ މޭޔަރު ލުގުމާން ހުސައިންގެ ހުވަފަތް އަނބިކަނބަލުންނެވެ.