އެމްޑީއެން މައްސަލާގައި މުޒާހަރާ ކުރި ބަޔަކު ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ ރ. އަނގޮޅިތީމުގައި މުޒާހަރާ ކޮށް އަޑުއުފުލި ބައެކެވެ. އަދި އެމީހުން ވަނީ މި މައްސަލާގައި މުޒާހަރާ ކުރުމުގެ ތެރޭގައި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާލާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ތަހުގީގުގެ ބޭނުމަށް ބަޔަކަށް ޗިޓު ފޮނުވާފައި ވާނެ ކަމަށެވެ. އަދި މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި މީހުން މެރުމަށް ގޮވާލާ މުޒާހަރާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް އެއީ ބަޔަކު އެޑިޓް ކޮށްގެން ފަތުރަމުންދާ ވީޑިއޯއެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.