ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ދީނަށް ފުރައްސާރަ ކުރާ މީހުން ދިފާއު ކުރައްވަނީ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފާޑުކިއުން ރައީސް ނަޝީދަށް އަމާޒުވެއްޖެއެވެ.
އެމްޑީއެންގެ މައްސަލާގައި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ ސަބަބުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ނެތް ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ، ޑރ. ޖަމީލް ވަނީ އެކަމަށް ރައްދު ދެއްވާ، ހޯމް މިނިސްޓަރު ދިފާއު ކުރައްވާފައެވެ. އެގޮތުން ޑރ. ޖަމީލް ވަނީ ނަޝީދުގެ ކިބައިގައި މިފަދަ ތަފާތުކުރުމެއް ހުންނަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
ޑރ. ޖަމީލު ވަނީ، ދީނަށް ފުރައްސާރަ ކުރާ މީހުންނާއި މެދު ފިޔަވަޅު ނާޅާ، ދީން ދިފާއު ކުރުމަށް ނިކުންނަ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި ވާތީ އެކަން ކުށްވެރި ކުރައްވާފައެވެ. އެގޮތުން، ޑރ. ޖަމީލު ވިދާޅުވީ، މިކަމުން އެނގެނީ ރައީސް ނަޝީދަކީ ދެ ދުލުގެ ވެރިއެއް ކަމުގައެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ކަމަށް ބުނެ ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަަރަށް ބޮޑު ގޯހެއް ކަމަށެވެ. އެގޮތުން މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރިކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ރަށްރަށުގައި މުޒާހަރާވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިންގެ ފުރާނައަށް ގެއްލުން ދިނުމަށް އެފަދަ މުޒާހަރާއެއްގައި ގޮވަލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް ގޮވާލާ އިލްތިމާސް ކޮށްފައެވެ.