އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިޔާސީ ގޮތުން މީހުންގެ އަބުރު ކަތިލުމަށް ކަންކަން ކުރުމުގެ ނިޔަތުގައި މަސައްކަތް ނުކުރާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވަނީ، އޭނާ އޭސީސީއަށް ނުފޫޒެއް ފޯރުއްވަން މަސައްކަތް ކުރެއްވި ކަމުގައި ވަނީ ނަމަ އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އޭސީސީން ސިޔާސީ ގޮތުން މީހުންގެ އަބުރު ކަތިލުމަށް ކަންކަން ކުރުމުގެ ނިޔަތުގައި މަސައްކަތް ނުކުރާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ލައްވާ ވަކި ގޮތަކަށް ކަމެއް ކުރުވުމަށްޓަކައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝިއުނާ ވަނީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަމީރު ގުޅުއްވި ކަމަށާއި ހިތްހަމަނުޖެހި ހުންނަވާ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފައެވެ.

އަދި ސަމީރު ދެއްކެވި ވާހަކަތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެންގެވުމަށް މަސައްކަތް ކުރެއްވި ކަމަށް މާނަ ކުރެއްވިގެން ދިޔަ ކަމަށް ޝިއުނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން އޭނާ ވަނީ އޭސީސީން މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލަ ބަލަމުންދާ ކަމަށާއި އެ ބޭފުޅާ އޭސީސީއަށް ހާޒިރުކޮށް މިހާރު ސުވާލު ކުރައްވާފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ.