މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުމުގައި ބައިވެރިވި ކަމަށް ބެލެވޭ އަޒުރާ ހޯދަން ފުލުހުން އިއްޔެ އާންމުކުރި ފޮޓޯ ނަގައިފިއެވެ.

ފުލުހުން ބުނީ، ހޯދަން އިއުލާން ކުރި މީހާއާ ގުޅޭގޮތް ވުމުން އެ ޕޯސްޓު ނަގާފައި ވާކަމަށެވެ. އަދި މިފަދަ އެހެން ޕޯސްޓު ތަކުގައި ވެސް ހޯދަން އިއުލާން ކުރާ މީހާ އާއި ގުޅުމުން ހޯދަން އިއުލާން ކުރާ ޕޯސްޓު ތަށް ފުލުހުން އަބަދުވެސް ނަގަމުން ދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެމްޑީއެންގެ ރިޕޯޓައި ގުޅިގެން ފުލުހުން ހޯދުމަށް އިއްޔެ އިއުލާން ކުރީ ހ. ސެލްވޭޝަން/ކ.މާލެ 47 އަހަރުގެ އަޒުރާ ނަސީމް ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އަޒުރާ އަށް އަންގާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.

މި ރިޕޯޓުގައި އަޒުރާ ލިޔެފައިވަނީ ރާއްޖޭގެ ދީނީ ޖަމާއަތްތަކާއި ގުޅޭ ގޮތުން ކަމަށް އެނގިފައިވެއެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ދީނީ ޖަމާއަތްތަކުގެ އިތުރުން ދީނީ އިލްމުވެރިންނާ ގުޅޭގޮތުން ވެސް ވާހަކަތައް އެ ރިޕޯޓުގައި ލިޔެފައެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެމްޑީއެންގެ މައްސަލައާ ގުޅިގެން ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.