މީހުން މެރުމަށް ގޮވާލުން ފަދަ ކަންކަމާ މުސްލިމުން ދުރުވާން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމް ދީނުގެ އެންމެހާ ކަންކަމަކީ ރަހުމަތާއި ކުލުނުވެރިކަމުގެ މައްޗަށް ބިނާވެގެންވާ ކަންކަން ކަމަށާއި، ރަހުމަތުގެ އުސޫލުން ކަސިޔާރުވެއްޖެ އެއްވެސް ކަމެއް އިސްލާމް ދީނާ ގުޅުމެއް ނެތް ކަމަށެވެ. އަދި ނުހައްގުން މީހުންގެ ފުރާނަ ދުއްވާލާން ގޮވުމަކީ ބާތިލު ގޮވުމެއް ކަމަށާއި، އެފަދަ ކަންކަމުން މުސްލިމުން ދުރުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވާއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ރަށްރަށުގައި މުޒާހަރާވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިން މެރުމަށް އެފަދަ މުޒާހަރާތަކުގައި ގޮވަމުން ދާއިރު، މިކަމާ ގުޅިގެން ފުލުހުން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެމްޑީއެންއިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ގެ ނަމުގައި ޝާއިއު ކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ. އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލައި އަޑު މިވަނީ އަނެއްކާވެސް ގަދަވެފައެވެ.