މާލޭގެ މަގުތަކުގައި ދިއްލާފައިވާ ލައިޓްތަކުގެ ތެރެއިން 80 ޕަސެންޓަކީ ލެޑް ލައިޓް ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުރިހާ ލައިޓްތަކެއް މިހާރު ރަނގަޅުކޮށްފައިވާ ކަމަށާއި އެ ލައިތުތަކުގެ ތެރެއިން 80 ޕަސެންޓް ލައިޓްސް ގޮތުގައި ހަރުކޮށްފައިވާނީ ލެޑް ލައިޓު ކަމަށެވެ.
މާލޭގެ މަގުތަކުގައި ހުންނަ ޕާކިންގް ޒޯންތަކާއި ކަފިހި ހުރަސްތަކުގައި ކުލަލުން ފިޔަވާ އިތުރު ކަމެއް މާލެ ސިޓީ ކައުންސިލުން ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ވޭތުވެދިޔަ 11 މަސް ތެރޭގައި މޭޔަރު ކަމުގައި ޝިފާ އިންނަވައިގެން، ޒިބްރާ ކަފިހި ހުރަސްތަކުގައި ރީނދޫ ކުލަ ލުން ނޫން ކަމެއް ނުވާ ކަމަށާއި، އޭނާ ފެއިލް ވެއްޖެ ކަމަށް ބުނެ، އާންމު މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން، ޝީފާ ވިދާޅުވެފައި ވަނީ މާލޭގެ މަގުތަކުގައި ހުންނަ ޓްރެފިކް ނިޝާންތައް އާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޝިފާ ވިދާޅުވީ، މާލޭގެ މަގުމަތީގައި ހުރި ނިޝާންތަކަށް ވޭތުވެދިޔަ ހަތް އަހަރު ދުވަހު އިހުމާލުވެފައިވާ ކަމަށާއި، އެ ނިޝާންތަކުގައި ކުލަ ލުމަކީ ވެސް ލިބުނު ކުރިއެރުމެއް ކަމަށާއި، އެކަމަށް އުފާ ކުރައްވާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މާލޭގެ މަގުތަކުގައި ހުންނަ "އަޑިގުޑަން" ތަކުގެ ސަބަބުން މީހުންނަށް ގެއްލުންވާ ކަމާއި ދުވާރުތަކުގެ ކައިރީގައި ބަހައްޓާފައި ހުންނަ ޕެލެޓުތަކުގެ ސަބަބުން މީހުންނަށް ލިބެމުންދާ ގެއްލުމުގެ ވާހަކައަކީވެސް އަދިވެސް ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެވެ. ބައިބޯވެ ތޮށްޖެހިފައިވާ މާލޭގެ މަގުތަކަށް ވާރޭ ނުވެހުނު ކަމުގައި ވިޔަސް ގަޔަށް "މަސްނޫއީ ބޮޑު ތިކި ވާރޭގެ" އަސަރު ކުރާ ވާހަކައަކީވެސް މާލޭގައި އުޅޭ ގިނަ ބައެއްގެ ބޮޑު ޝަކުވާއެކެވެ. އިމާރާތްކުރާ ތަންތަނުން ފެން ދޫކުރުމަށް އަޅާފައި ހުންނަ ހޮޅިތަކާއި އޭސީތަކުންނާއި ދިޔަ ދޮވިތަކުން މަގުމައްޗަށް ފައިބާ ފެންތަކުން އާންމުންނަށް ވަމުންދާ އުނދަގުލުގެ ވާހަކައަކީވެސް މެދުނެކުނޑި އިވެމުން އަންނަ ޝަކުވާތަކެކެވެ.
މި އަހަރު ކުރީކޮޅު މާލޭ މަގުމަތިން އަންހެނެއްގެ ފައި ތާށިވެ ބިންދައިގެން ގޮސްފައިވާއިރު، މާލެ ސިޓީއިން ވަނީ މި އަހަރު ކުރީކޮޅު މާލޭގެ މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. ސިޓީ ކައުންސިލުން ޕެލެތްތައް ނަގަން ފެށިއިރު ސިޓީ ކައުންސިލުން ބުނީ، ޕެލެޓުތައް ބެހެއްޓުމާ ގުޅޭ އުސޫލުތަކެއް ހަދާނެ ކަމަށާއި، އެ ބެހެއްޓުމުގެ ހުއްދަ ދޭނީ ސިޓީ ކައުންސިލަށް ސިޓީއަކުން ފޮނުވުމުން އެކަމެއް ބެލުމަށް ފަހު ކަމަށެވެ. އަދި ބައެއް ތަންތަނުގެ ޕޭވްމަންޓް އުސްކޮށް ޕާކު ނުކުރޭވެ ގޮތް ހެދުމަށް މަޝްވަރާ ކުރާ ކަމަށްވެސް ސިޓީ ކައުންސިލުން އޭރު ވަނީ ބުނެފައެވެ.