މުޅި ގައުމުގެ ނަން މިވަނީ ކިލަނބުވެފައި ކަމަށާއި، ރަނގަޅު ކުރެވޭނީ ސަރުކާރުން ގުރުބާނީތަކެއް ވެގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، އެމްޑީއެން މައްސަލާގައި މީހުން މެރުމަށް ގޮވަމުން ދާއިރު، އެކަމާ ފިޔަވަޅު ނާޅާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އޮތް އިތުބާރު ގެއްލިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން، އާދަމް ޝަރީފް ވިދާޅުވީ، އިތުބާރު ގެއްލުނީ ހަމައެކަނި ހޯމް މިނިސްޓަރުގެ ނޫން ކަމަށާއި، މުޅި ގައުމުގެ ނަން ވެސް ކިލަނބުވެފައިވާ ކަމަށެވެ. އަދި ބިންގާ އެޅުނީ ކަށްޗަށް ކަމަށާއި، ރަނގަޅު ކުރުމަށް ސަރުކާރުން ގުރުބާނީ ތަކެއް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ،

އާދަމް ޝަރީފް ވިދާޅުވީ، މިއީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ރަށްރަށުގައި މުޒާހަރާވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިން މެރުމަށް އެފަދަ މުޒާހަރާއެއްގައި ގޮވަލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް ގޮވާލާ އިލްތިމާސް ކޮށްފައެވެ.