މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރި މައްސަލައިގެ ތަހުގީގަށް އަޒުރާ ނަސީމް ހާޒިރު ވުމަށް އަންގާ އިއުލާނު ކުރުމުން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެ ފާޑުކިއުން ފުލުހުންނަށް އަމާޒު ވެއްޖެއެވެ.
ކ. މާލެ، ހ. ސެލްވޭޝަން 47 އަހަރުގެ އަޒުރާ ފުލުހަށް ހާޒިރު ވުމަށް އެންގުމާ ގުޅިގެން ޝަހިންދާ ވިދާޅުވީ، އަޒުރާ ވަނީ މީގެ ކުރިން ވެސް އޭނާ ދިރިއުޅޭތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައި ކަމަށާއި، މީގެ އެއް އަހަރު ކުރީއްސުރެން ވެސް، އޭނާއަށް ގުޅޭނެ ނަންބަރު އަޒުރާ ވަނީ، ފުލުހުންނާ ހިއްސާ ކޮށްފައި ކަމަށެވެ.
މީގެ އިތުރުން ޝަހިންދާ ވަނީ، ފުލުހުންގެ މިއަމަލު ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިކަން ބެލުމަށް ގޮވާލައްވާފައެވެ. ޝަހިންދާ ވަނީ މި މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތެރިވަނީ ކޮން ފަރަތަކުންތޯ ވެސް އައްސަވާ ސުވާލު ކުރައްވާފައެވެ.
ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށް ބުނެ ފުލުހުން ވަނީ، އޭނާގެ ފޮޓޯ އާންމުކޮށްފައެވެ. އަޒުރާ ހޯދަމުން އަންނަނީ އެމްޑީއެން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިއުކުރި ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަޒުރާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އަޒުރާ އަށް އަންގާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.
ޢެ ރިޕޯޓުގައި އަޒުރާ ލިޔެފައިވަނީ ރާއްޖޭގެ ދީނީ ޖަމާއަތްތަކާއި ގުޅޭ ގުޅޭ ގޮތުންނެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ދީނީ ޖަމާއަތްތަކުގެ އިތުރުން ދީނީ އިލްމުވެރިންނާ ގުޅޭގޮތުން ވެސް ވާހަކަތައް އެ ރިޕޯޓުގައި ލިޔެފައެވެ.