މާލެއިން 12 މިލިއަން ރުފިޔާގެ ގެއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްލަވައިގެންފިއެވެ.

ގާސިމް ބައްލަވައިގަތީ ވިޔަފާރިވެރިޔާ، މ.ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މ. ވާދީބިލްޑިން އެވެ. ޖުމްލަ 413.33 އަކަފޫޓުގެ ބިމެކެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވާދީ ބިލްޑިން އަދި ނުއުފުލޭ މުދާ ގާސިމް ބައްލަވައިގަތީ 12 މިލިއަން ރުފިޔާ އަށް ކަމަށް ބުނެފައިވެއެވެ.

ގާސިމް ވަނީ އެ ބިން ބައްލައި ގަނެ ބިމަށް ފައިސާ ދައްކަވާފައެވެ. އަދި އެ ބިމުގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީ ގާސިމް އިބްރާހިމް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް މާލެއިން ބައްލަވައިގެން ގެއެއް ނުވަތަ ބިމެއް މިލްކު ކުރެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި ނޫނަސް ގާސިމްގެ މިލްކިއްޔާތުގައި މާލޭގައި ބިންތައް ހުރެއެވެ.