ކަޝްމީރުގެ ޕާކިސްތާނާއި ވީ ފަޅީގައި ހަރަކާތްތެރިވާ ޓެރަރިސްޓުންގެ ކިއްލާތަކަށް އަމާޒުކޮށް އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ބާރުގެ ބޭނުންކޮށްފިއެވެ.

ހަމަލާ އަމާޒުކޮށްފައިވަނީ އިންޑިއާގެ ތެރެއަށް ގަދަ ބާރުން ޓެރަރިސްޓުން ވައްދަން މަސައްކަތްކުރަމުންދާ ކިއްލާތަކަށް އަމާޒުކޮށް ކަމަށް ޚަބަރު ލިބެއެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގެ ނީލަމް ވާދީއަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، ކޮންމެވެސް ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ކަމާބެހޭ މައުލުމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ފަށާފައިވާއިރު ޕާކިސްތާނު އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އިންޑިއާ އަސްކަރިއްޔާގެ 2 އޮފިސަރަކާ އާންމުންގެ މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ޕާކިސްތާނުގެ ޓެރަރިސްޓުން ތިބި ކިއްލާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ މީގެ ރައްދުގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިދަނޑިވަޅަކީ ކަޝްމީރުގެ މައްސަލާގައި އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ނިއުކްލިއާ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެކެވެ.