މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރި މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

އެގޮތުން ފުލުހުން ހޯދަަމުން އަންނަނީ ހ. ސެލްވޭޝަން/ކ.މާލެ 47 އަހަރުގެ އަޒްރާ ނަސީމް ނަމަކަށް ކިޔާ މީހެކެވެ.

އަޒްރާގެ ފޮޓޯ ފުލުހުން އާންމުކުރީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.

އޭނާ ހޯދަމުން އަންނަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިއުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަޒްރާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އަޒްރާ އަށް އަންގާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.

މި ރިޕޯޓުގައި އަޒްރާ ލިޔެފައިވަނީ ރާއްޖޭގެ ދީނީ ޖަމާއަތްތަކާއި ގުޅޭ ގުޅޭ ގޮތުންނެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ދީނީ ޖަމާއަތްތަކުގެ އިތުރުން ދީނީ އިލްމުވެރިންނާއި ގުޅޭގޮތުން ވެސް ވާހަކަތައް އެ ރިޕޯޓުގައި ލިޔެފައެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެމްޑީއެންގެ މައްސަލައާ ގުޅިގެން ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.