ގޭ މީހުންނަށް ވަކި ގޮތެއް، ގެއިން ބޭރު މީހުންނަށް ވަކި ގޮތެއް ނުހައްދަވައި، އެއް އުސޫލެއް ރައީސް ހިފަހައްޓަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގު ނިމެންދެން، އެ ޖަމިއްޔާގައި ކުރިން މަސައްކަތް ކުރެއްވި އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ގޭގައި މަޑުކުރަން ރައީސް އެންގެވި އެންގެވުމަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވީ މީގެ ކުރިން މިނިސްޓަރަކު ވެސް ތަހުގީގެއް ހިނގާތީ ގޭގައި މަޑުކުރެއްވި ކަމަށާ ހަމަ އެ އުސޫލުން ސީޕީ ހަމީދާ ދޭތެރޭ ވެސް ކަންތަށް ކުރައްވަން ޖެހޭނެކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވެފައި ވަނީ އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވާފައި، މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި މައްސަލައިގެ ތަހުގީގުގައި އެ ޖަމިއްޔާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ހަމީދުއާ ސުވާލު ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން، ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވާ ކަމަށާ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ. ނަމަވެސް ހަމީދު ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވި ދުވަސްކޮޅު އަމިއްލަފުޅު ހައިސިއްޔަތުން އެމްޑީއެންގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ މިހާރު ތަހުގީގު ހިނގަމުންދާ އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ސީޕީ އަކީ އެ ޖަމްއިއްޔާގެ މެންބަރެއް ކަމަށް ބުނެ، އާންމުންގެ ފާޑު ކިއުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ސީޕީ ދިފާއުކޮސް ފުލުހުން ކުރި ޓްވީޓުތަކަށް ރައްދު ދެެމުން ބައެއް ފަރާތްތަކުން ވަނީ، އެމްޑީއެންގެ ރިޕޯޓު ފުރަތަމަ ޝާއިއު ކުރީ، ސީޕީ އެ ޖަމްއިއްޔާގެ ޑެޕިއުޓީ ޗެއާގެ މަގާމުގައި ހުންނަވަނިކޮށް ކަމަށް ބުނެފައެވެ. އަދި ސީޕީ އެ ޖަމްއިއްޔާގައި މަސައްކަތް ކުރެއްވީ ކޮން ތާރީހަކުން ކޮން ތާރީހަކަށް ތޯ ބުނެދިނުމަށް އެދި ވެސް ބައެއް ފަރާތްތަކުން ވަނީ ޓްވީޓް ކޮށްފައެވެ.