އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތުރުކީވިލާތަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ކެންސަލް ކުރައްވައިފިއެވެ.

މި ދަތުރުފުޅު ކެންސަލްކުރައްވާފައިވަނީ، ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމާ ގުޅިގެން ތުރުކީވިލާތުގެ ސަރުކާރުން ވާހަކަ ދެއްކި ރޫހާ މެދު އިންޑިއާގެ ސަރުކާރުގައި ހިތްހަމަނުޖެހުންތަކެއް ހުރެގެން ކަމަށް ޚަބަރު ލިބެއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވަނީ، ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި އަމަލު ކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ، އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ. މާއްދާ 370ގެ މައްސަލާގައި ތުރުކީވިލާތާ މެލޭޝިއާއިން އެއްބާރުލުން ދެމުންދަނީ ޕާކިސްތާނަށެވެ.

ޔޫނިއަން ސްޓޭޓްތަކަކަށް ބަދަލުކޮށްފައިވާ ޖައްމުއާއި ކަޝްމީރު އަބަދު އެގޮތުގައި ނުއޮންނާނެ ކަމަށާއި، ހާލަތު ތަންދިނުމުން ސްޓޭޓެއްގެ ދަރަޖައަށް ޖައްމުއާއި ކަޝްމީރު ބަދަލުކުރެވިގެންދާނެ ކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހް ވިދާޅުވެފައެވެ.

ޖައްމުއާއި ކަޝްމީރަށް ލިބިދީފައި އޮތް މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް އޯގަސްޓް މަހުގެ 5 ވަނަ ދުވަހު މާއްދާ 370 އުވާލާ، އެސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާއިރު، މި ބަދަލަކީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހައްގުތަކެއް ކަށަވަރުކޮށްދޭނެ ބަދަލެއް ކަމަށް އިންޑިއާގެ މައި ސަރުކާރުން ދަނީ ބުނަމުންނެވެ.