އދ. ފުށިދިއްގާގައި ތިބި މީހުން އެރަށުން ބޭލުމަށްފަހު ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ވިދާޅުވީ، މާދަމާ އިރުއޮއްސި 6:00 ގެ ކުރިން އެރަށުގައި ތިބި މީހުން ރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުންގެ ހުއްދައާ ނުލާ އެރަށަށް އެއްވެސް ފަރާތަކަށް ނުދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ، އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިއަދު އެ މިނިސްޓްރީގެ ތަހުގީގު ޓީމަކާއި ފުލުހުން އެރަށަށް ގޮސް، ގާނޫނާ ހިލާފަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވެފައިވާ ކަމަށެވެ.

ފުށިދިއްގާއަކީ، 2011 ވަނަ އަހަރު ޓުއަރިޒަމް ތަރައްގީ ކުރުމަށް ނިންމާ އިއުލާނު ކުރި ރަށެކެވެ. އެރަށަށް އެންމެ ފުރަތަމަ ކުރިމަތިލީ މ. ހަސްތީ އަހުމަދު ޚަލީލެވެ. އޭނާއަށް އެރަށް ސަރުކާރުން އެވޯޑު ކުރިނަމަވެސް އެގްރީމެންޓެއް ސަރުކާރުން ނުހެދިއެވެ. އޭގެ ފަހުން އެރަށް އެޗްއެމްއެޗްއައި ޕްރައިވެޓް ލިމިޓެޑަށް ވިއްކާލައެވެ. ރައީސް ޔާމީނުގެ ވެރިމަމުގައި ހިންގި މި މުއާމަލާތް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އަނެއްކާ އެރަށް މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް ޔާމީނު ސަރުކާރުގައި ވިއްކާލައެވެ.