ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ ބަހުގެ ހަމަލާތައް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް އަމާޒުވެއްޖެއެވެ.

މީކާއިލްގެ ބަހުގެ ހަމަލާތައް ގާސިމަށް އަމާޒުވީ ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނާއަށް ދެރަ ގޮތެއް ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ. ގާސިމް މިހެން ވިދާޅުވުމުން، އެކަމާ ރުހިވަޑައިނުގެން މީކާއިލް ވިދާޅުވީ، ގާސިމަކީ ސަރުކާރުން ހުށައަޅާ ގިނަ ބިލުތަކާއި ދެކޮޅު ހައްދަވާ މެންބަރެއް ކަމަށެވެ.

އެގޮތުން މީކާއިލް ވިދާޅުވީ، މުވައްޒަފުންނަށް ސާވިސް ޗާޖް ދެއްވަން ގާސިމް ބޭނުންވެނުލައްވާ ކަމަށާއި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ދެކޮޅު ހައްދަވާ ކަމަށާއި، އާމްދަނީން ނަގާ ޓެކުހާ ވެސް ދެކޮޅު ހައްދަވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ގާސިމަށް ދެރަގޮތެއް ވެގެން ނުވާނެ ކަމަށް މަޒާޖީ މިޒާޖަކަށް މީކާއިލް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އޭނާއަށް ދެރަ ގޮތެއް ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ، ފާއިތުވި ހުރިހާ ސަރުކާރަކުންވެސް އޭނާއަށް ދެރަ ގޮތްތައް ދިމާވެފައި އެބަ ހުރި ކަމަށާއި ނަމަވެސް، މި ސަރުކާރުގައި ކަންކަން އޮންނާނީ އޭނާއަށް ފަހި ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، މިހާރުވެސް ސަރުކާރުން ވަރަށް ރަނގަޅު ކަންތައްތަކެއް ކުރާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، ރައީސް ސޯލިހަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އޭނާއަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފަހި ގޮތްތަކަށް ރައީސް ސޯލިހު ކަންތައްތައް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ ކުރިންވެސް ގާސިމް ވާހަކަ ދައްކަވަމުން ވަނީ މި ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.