ފުލުހުންގެ ވަޒީފާ އިން ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައިސިއްޔަތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، ޓްވިޓާގައި ހިޔާލު ފާޅުކުރަމުން އެމްޑީއެންގެ ޑެޕިއުޓީ ޗެއާގެ މަގާމު ފުރުއްވި ބޭފުޅަކު ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވިހާ ހިނދަކު އެމްޑީއެންގެ ރިޕޯޓް ތަހުގީގު ނުކުރެވޭނެ ކަމަށް ބުނެ އާންމު ފަރާތަކުން ކުރި ޓްވީޓަށް ރައްދު ދެމުންނެވެ. ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ޓްވީޓް ކުރަމުން، ފުލުހުން ބުނީ، ސީޕީ ފުލުހުންގެ ވަޒީފާ އިން ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން ސީޕީ އެމްޑީއެންގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާ ކަމަށާއި، އެ ޖަމްއިއްޔާގައި މަސައްކަތް ކުރައްވާފައިވެސް ނުވާ ކަމަށެވެ. އަދި މިހާރު ތަހުގީގު ކުރަމުންދާ އެ ޖަމްއިއްޔާގެ، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ބައިވެރިވެ ވަޑައި ނުގަންނަވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ސީޕީ އަދި ފުލުހުން ކުރަމުން ގެންދާ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ އަރުވާފައެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ސީޕީ އަކީ އެ ޖަމްއިއްޔާގެ މެންބަރެއް ކަމަށް ބުނެ، އާންމުންގެ ފާޑު ކިއުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ސީޕީ ދިފާއުކޮސް ފުލުހުން ކުރި ޓްވީޓުތަކަށް ރައްދު ދެެމެން ބައެއް ފަރާތްތަކުން ވަނީ، އެމްޑީއެންގެ ރިޕޯޓު ފުރަތަމަ ޝާއިއު ކުރީ، ސީޕީ އެ ޖަމްއިއްޔާގެ ޑެޕިއުޓީ ޗެއާގެ މަގާމުގައި ހުންނަވނިކޮށް ކަމަށް ބުނެފައެވެ. އަދި ސީޕީ އެ ޖަމްއިއްޔާގައި މަސައްކަތް ކުރީ ކޮން ތާރީހަކުން ކޮން ތާރީހަކަށް ތޯ ބުނެދިނުމަށް އެދި ވެސް ބައެއް ފަރާތްތަކުން ވަނީ ޓްވީޓް ކޮށްފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އިސްލާމިކް މިނިސްޓްރީން މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލަ އަކީ ފުލުހުން ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެކެވެ. އެގޮތުން، ފުލުހުން ވަނީ އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ގިނަ ރަށްތަކުގައި އަންނަނީ އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލާ ހިނގާލުންތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ޔޫތު މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑު ކޮށްފައެވެ.