މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގެ ވާހަކައަކީ މިހާރު ސޯޝަލް މިޑިއާ އަދި މީޑިއާތަކުގައި ހޫނު ގަދަކޮށް ދެކެވެމުންދާ ވާހަކައެކެވެ. އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި މާތްވެގެންވާ ނަބިއްޔާ \އަށް ހަޖޫޖަހާފައި ވާތީ އެކަމާ ނުރުހުން ފާޅުކުރާ މީހުންގެ އަޑުތައް ގަދަވެ އެއް އަޑެއްހެން ވަނީ ދިވެހި ފަޒާގެ ތެރޭގައި ހަރުލާފައެވެ.
ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުތަަކަށް ވަދެ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ "ބޭން އެމްޑީއެން" ޖަހާފައިވާ ލިޔުންތަކެވެ. މިކަމާ ގިނަ ބައެއްގެ ފާޑުކިޔުން މިވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވެފައެވެ.
އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުން ދާ އެތައް ބަޔަކު އެމްޑީއެން އުވާލުމަށް ގޮވާލަމުންދާ އިރު ސަރުކާރުން އެ ޖަމިއްޔާ އުވާނުލާ އެކަން ދިގުދައްމަމުން ދާތީ "ބޭން އެމްޑީއެން" ޖަހައިގެން، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ދަނީ އެބައެއްގެ ހިތުގެ ޝުއޫރުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލަމުންނެވެ.
އެމްޑީއެން އުވާލުނުލައި ލަސްވުމުގެ ޝަކުވާ ތީރުތަކެއްހެން ސަރުކާރަށް އަމާޒު ވަމުން ދާއިރު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ދީނީ އިލްމުވެރިން ވެސް އެމްޑީއެންއާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންވެސް ހިމެނެއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން ވަނީ ވަގުތުން ވަގުތަށް އެޖަމިއްޔާ އުވާލައި އަދި އެޖަމިއްޔާގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް އެޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ގިނަބަޔަކު ދަނީ ފިޔަވަޅު އެޅުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް މިއަދު ފެންނަނީ މި މަންޒަރެވެ. ބައެއް ރަށްރަށުގައި ވަނީ އެމްޑީއެން އާ ދެކޮޅަށް އިހުތިޖާޖުވެސް ކޮށްފައެވެ. އެގޮތުން ތ. ހިރިލަންދޫގައި އެމްޑީއެންއާ ދެކޮޅަށް އަދި ނަބިއްޔާގެ ދިފާއުގައި އެ ރަށުގެ ރައްޔިތުން ނުކުމެ އިހްތިޖާޖް ކޮށްފައި ވާއިރު އެ ޖަމިއްޔާ އުވާލުމަށް އެދި ޅ. ނައިފަރުގެ ރައްޔިތުންވެސް ވަނީ އިހުތިޖާޖެއް ކޮށްފައެވެ. ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުމެ އެ ރަށްރަށުގެ ރައްޔިތުން ގޮވާލަމުން ދަނީ ދީނަށް ފުރައްސާރަކުރި ޖަމިއްޔާ އުވާލުމަށެވެ.
ރ. ދުވާފަރުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނުކުމެ އެމްޑީއެންއާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ހިނގާލުމެއް ބާއްވާފައި ވެއެވެ. މި ހިނގާލުމުގައި އެ ރަށުގެ ގިނަ އަދަދެއްގެ އަަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ފިރިހެނުންގެ އިތުރުން ކުޑަ ކުދިން ބައިވެރިވެފައި ވެއެވެ.
އެމްޑީއެންއާ ދެކޮޅާށް އަޑުއުފުލާ އިހުތިޖާޖު ހިންގާފައިވާ ރަށްތަކުގެ ތެރޭގައި ޅ. ނައިފަރު، ނ. މާފަރު، ރ. ހުޅުދުއްފާރު، ރ. އަނގޮޅިތީމު، ހއ. ކެލާ ގެ އިތުރުން ތ. ހިރިލަންދޫ، ތ. ވިލުފުށި ހިމެނެއެވެ.
ކެލާގެ ރައްޔިތެއް ބުނީ، އެމްޑީއެންއާ ދެކޮޅަށް އިސްލާމް ދީނުގެ ހިމާޔާތުގައި ކެލާގެ ބައެއް މެންބަރުން ކުރެއްވީ އަގުހުރި ހިދުމަތެއް ކަމަށެވެ. ނަމަވެސް ކެލާ ކައުންސިލުން އަދިވެސް އެމޑީއެން ކުށްވެރި ނުކުރާތީ އެކަމާ ހިތާމަ ކުރާ ކަމަށް އޭނާ ބުނެއެވެ. އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލައި ބަޔާން ނެރުނު ކައުންސިލްތަކުގެ އަދަދު މިހާރު ވަނީ 30 އިން މައްޗަށް ގޮސްފައެވެ.
އެމްޑީއެންގެ މައްސަލައިގައި ދީނީ އިލްމުވެރިން ބޭއްވި ބައްދަލުވުމުގައި ވަނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ހަ ކަމެއްގެ ވާހަކަ އިލްތިމާސް ކުރައްވާފައެވެ. އެއީ އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުމަށާއި، ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށާއި، އެފަދަ އެއްވެސް ކަމެއްގައި އަޅަންޖެހޭ ފިޔަވަޅަކާ މެދު ފަސްނުޖެހުމަށާއި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްބާރުލުން ދިނުމަށެވެ. އަދި މިހާރު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ދިނުމުގެ ގޮތުން ދީނާ ހިލާފު ކޮންމެ އަމަލަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅުތައް އަޅާނެ ކަމުގެ ސާފު މެސެޖު ރައްޔިތުންނަށް ފޯރުކޮށް ދިނުމާއި އެމްޑީއެން އާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި އެ ޖަމިއްޔާ އުވާލުމަކީވެސް އިލްމުވެރިން އިލްތިމާސް ކުރެއްވި ކަންކަމުގައި ތެރޭގައި ހިމެނޭ ކަން ކަމެވެ.
ހިޔާލު ނުޖަހަނީ ކީއްގެހޭ