އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަޒުގައި ހުސްވި މަހު ކުރިއަށް ގެންދިޔަ މެމްބަރު ގައުމުތަކުގެ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި އެންމެ ދިގު ތަގުރީރެއް ކުރެއްވި ލީޑަރުގެ ރެކޯޑް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހޯއްދަވައިފިއެވެ.
މިކަން ހާމަވެފައިވަނީ، 74 ވަނަ އާންމު މަޖިލީހަށް ހާއްސަކޮށްގެން އދއިން އާންމުކުރި ތަފާސް ހިސާބުތަކުންނެވެ.
74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި 190 ގައުމަކުން ތަގުރީރުކޮށްފައިވާއިރު، މިއަހަރުގެ އެންމެ ދިގު ތަގުރީރުގެ ރެކޯޑް އިމްރާން ހޯޢްދެވީ 50 މިނެޓްގެ ވާހަކަފުޅާއެކުގައެވެ. މި ތަގުރީރުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑުބައި ހާއްސަކުރެއްވީ މިދުވަސްވަރު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައަށެވެ.
މިފަހުގެ ތާރީހެއްގައި އދގެ އިސްވެރިންގެ ބައްދަލުވުމުގައި އެންމެ ދިގު ތަގުރީރެއް ކުރައްވާފައި ވަނީ ލީބިއާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީއެވެ. 2009 ވަނަ އަހަރުގެ ޖަލްސާގައި ގައްޒާފީ ވަނީ ގާތްގަނޑަކަށް 96 މިނެޓް ވަންދެން ވާހަކަފުޅު ދައްކަވާފައެވެ.
އދގެ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރުކުރުމަށް ކޮންމެ ގައުމަކަށްވެސް 15 މިނެޓްގެ ވަގުތުކޮޅެއް ދެވުނު ނަމަވެސް، އެއަށްވުރެ އިތުރުވުމުގައި ނިޒާމީ މައްސަލައެއް ނޯވެއެވެ.
ނިމިގެންދިޔަ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި އެންމެ ކުރު ތަގުރީރެއް ކުރެއްވީ ރުވާންޑާގެ ރައީސް ޕޯލް ކަގަމޭއެވެ. ކަގަމޭ ވާހަކަފުޅުދެއްކެވީ އެންމެ 7 މިނެޓަށެވެ.
އދއިން އާންމުކުރި ތަފާސް ހިސާބުތަކުން ފާހަގަވިއިތުރުކަމެއްވެސް އެބައޮތެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުމުގައި އަންހެން ބޭފުޅުން ތަގުރީރުކުރެއްވިކަން ނިސްބަތުން މަދުކަން ވަނީ ފާހަގަކުރެވިފައެވެ. އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރެއްވި ލީޑަރުންގެ 91.8 ޕަސެންޓް ލީޑަރުންނަކީ ފިރިހެން ބޭފުޅުންނެވެ. މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާ، ރައީސުންނާ، ރަސްރަސްކަލުންނާ އަމީރުންނަށް ބަލާއިރު މި ލިސްޓުގައިވެސް ހިމެނިވަޑައިގަތީ އެންމެ 5 އަންހެން ބޭފުޅުންނެވެ. ބޮޑު ވަޒީރުންގެ ފެންވަރުގެ ބައްދަލުވުންތަކަށް ބަލާއިރު، މި ބައްދަލުވުންތަކުގައި ބައިރިވެރިވެވަޑައިގަތީ އެންމެ 4 އަންހެން ބޭފުޅުންނެވެ. ބޮޑު ވަޒީރުންގެ ނައިބުންގެ ފެންވަރުގެ ބައްދަލުވުންތަކުގައި އެންމެ އަންހެން ބޭފުޅެއްވެސް ފެނިގެން ގޮސްފައި ނުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އދގެ އާންމު މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ އަދަދެއްގެ ލީޑަރުން އެއް މާހައުލަކުން ބައްދަލުކުރައްވާ އެންމެ ބޮޑު ޕްލެޓްފޯމެވެ.