ކ. ގިރިފުށީގައި ތިން ދުވަހަށް ކުރިއަށް ގެންދާ ސިފައިންގެ ތަމްރީނުތަކުގައި ބަޑި ޖަހާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ކ ގިރިފުށީގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އެ ތިން ދުވަހުގެ އިރުއޮއްސި 6:30 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގައި ބަޑި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ތަމްރީނުގައި ބޭނުން ކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެން ކަމުން އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސް ކުރެެއެވެ.
މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލްސް ގުޅިގެން ކުރިއަށް ގެންދިޔަ "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" ގައި އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ވަނީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެފައިވާއިރު، މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ ނޭވީ ސީލްސްގެ ސިފައިންނެވެ.