އީކޮމާސް ގަރާރުގައި ގަވަރުނަރު ފާހަގަކުރެއްވި ނުކުތާތައް ހިމަނާފައި ވާ ކަމަށް މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމައަށް ދެވޭނީ ގުޅުންހުރި ގާނޫނުތައް ހަދައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވާއިރު ބޮންޑާ ވިދާޅުވީ އީކޮމާސް ގަރާރު މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބަހުސްކޮށް އަދި މަޖިލީހުން ވަނީ އެ ގަރާރު ބަލައިގެންފައި ކަމަށެވެ. އަދި އެ ގަރާރުގައި ގަވަރުނަރު ފާހަގަ ކުރައްވި ނުކުތާތައް ހިމަނާފައި ވާކަމަށް ބޮންޑާ ވިދާޅުވިއެވެ.

ބީއެމްއެލްގެ މާސްޓަ ކާޑު ރަސްމީކޮށް ލޯންޗް ކުރަން ކްރޮސްރޯޑް މޯލްޑިވްސްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތަށް ފަހު ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމަ ކުރެވޭނީ އެކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ހަދައި ގަވައިދުތައް ވެސް ފުރިހަމަ ވުމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ އެބަޖެހޭ އެމްއެމްއޭގެ އެކްޓް [ގާނޫނު] ބަދަލު ކުރަން. މީގެ އިތުރުން ޑިޖިޓަލް ޓްރާންސެކްޝަން އެކްޓެއް ބޭނުންވޭ. މިހާރުގެ އެކްޓުން ޑިޖިޓަލް ޓްރާންސެކްޝަން ކަވަރެއް ނުކުރޭ. މިއާ ގުޅުންހުރި ފައިނޭންޝަލް ޓްރާންސެކްޝަން އެކްޓެއް ވެސް އަންނަން އެބަ ޖެހޭ. ގިނަ މަޖިލީސް މެންބަރުން ވެސް ވިދާޅުވެ ކޮބައިހޭ ޕޭޕަލް. އަޅުގަނޑު މި ދަންނަވަނީ ގާނޫނުތައް ފުރިހަމަ ކޮށްދެއްވާށޭ އޭރުން ފުރިހަމަވާނެ އޭ،"
ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު ވިދާޅުވެފައި ވަނީ އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފައްޓަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެއްކޮށް ނިމޭނީ 2021 ގައި ކަމަށާއި ޕޭޕަލްގެ ހިދުމަތް ލޯންޗް ކޮށްފައި ހުރީ ޖަޒީރާ ގައުމުތަކުގެ ވަރަށް މަދު ގައުމެއްގައި ކަމަށް ގަވަރުނަރު ވިދާލުވެފައި ވެއެވެ. އެހެންކަމުން އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.