ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޮލީވުޑް ސުޕާސްޓާ އަމީތާބު ބައްޗަށް، އިންޑިއާގެ ފިލްމި ސިޓީކަމަށްވާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރިތާ 3 ދުވަސް ވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މުމްބާއީގައި ނާނާވަތީ ހޮސްޕިޓަލުގައި އަމީތާބު އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް އޭނާގެ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާ މީޑިއާއިން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި އަމީތާބު އެޑްމިޓްކޮށްފައިވަނީ ރޫޓީން ޗެކްއަޕްތަކެއް ހެދުމަށެވެ. އަދި ވަރަށް އަވަހަށް އޭނާ ދޫކޮށްލާނެކަމަށްވެސް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް 3 ދުވަސްވީއިރުވެސް އޭނާ ދޫކޮށްލާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ބޮލީވުޑް ސުޕާސްޓާރުން ކަމަށްވާ އަމީތާބު ބައްޗަން (ކ)އާއި އެސް.އާރް.ކޭ ސެލްފީ ނަގަނީ/ފޮޓޯ: ޓީއޯއައި

މިމަހުގެ 11 ވަނަ ދުވަހު އަމީތާބު ވަނީ އޭނާގެ 77 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. އެގޮތުން މުމްބާއީގައި އޭނާ ދިރިއުޅުމުންދޭ ގޭ ކައިރިއަށް ޖަމާވި ފޭނުންނާވެސް އަމީތާބު ވަނީ ކޮންމެވެސް ވަރަކަށް ބައްދަލުކޮށް ހަދާފައެވެ.

1982 ވަނަ އަހަރުގެ ފިލްމު "ކޫލީ"ގެ ޝޫޓިންގް ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އަމީތާބުގެ ލިވާގެ 75 ޕަސެންޓް ވަނީ ހަލާކުވެފައެވެ. އަދި މިކަމަށް ފަރުވާ ހޯދުމުގެ ތެރޭގައި އޭނާއަށް ވަނީ ހެޕަޓައިޓިސް -ބީ ވައިރަހުގެ އަސަރުވެސް ކޮށްފައެވެ.

އަމީތާބުގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ ދަނީ "ކޯން ބަނޭގާ ކަރޯރްޕަތީ"ގެ 11 ވަނަ ސީޒަން ހޮސްޓުކުރަމުން ކަން ފާހަގަކުރަންޖެހެއެވެ.