ނިއުޒީލަންޑްގެ 3 ސަރަހައްދެއްގައި، ހަތިޔާރާއެކު ފުލުހުން ޕެޓްރޯލް ކުރަމުންދާނެ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

މިއީ ތަހުލީލީ މަރުހަލާއެއްގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށާ، މިމަޝްރޫއަކީ، ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް އަމާޒުކޮށް މިއަހަރުގެ މާޗްމަހުގެ ޓެރަރިސްޓް ހަމަލާއެއްދީ 51 މީހަކު މަރާލި ހާދިސާއާއި ގުޅިގެން، އެގައުމުގެ ސަލާމަތީ މަސްރަހާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ލުޔެއް ހޯދާ ދިނުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއް ކަމަށްވެސް ނިއުޒީލަންޑްގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ނިއުޒީލަންޑްގެ އަލް ނޫރު މިސްކިތުގައި ނަމާދަށް ހުއްޓާ ބަޑިޖަހާ މަރާލާފައިވާ އިންޑިއާގެ ދަރިވަރު އަންސީ އަލީބާވާގެ ހަށިގަނޑާ ކޮޗިން އެއާޕޯޓުން އޭނާގެ އާއިލާއިން ހަވާލުވަނީ/ފޮޓޯ: އޭއެފްޕީ

ނިއުޒީލަންޑްއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އާންމު ޑިއުޓީގައި ފުލުހުން ފޯރިއަށް ތިބޭއިރު ހަތިޔާރާ ނުލާ ހަރަކާތްތެރިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. މި ލިސްޓުގައި ދެން ހިމެނޭ ބޮޑެތި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާ ނޯވޭވެސް ހިމެނެއެވެ. ނަމަވެސް ފޯރިއަށް ހުންނަ އޮފިސަރުގެ އުޅަނދުގައި، ހޭންޑް-ގަންއާއި، ރައިފަލްގެ އިތުރުން ޓޭޒާ ފަދަ ހަތިޔާރުތައް ހުރެއެވެ. މިތަކެތީގެ ބާރުގެ ބޭނުންކުރަނީ، ފޯރިއަށް ހުންނަ އޮފިސަރުގެ ސުޕަވައިޒަރުގެ އިޒުނަޔާއިއެކުގައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް ބަޑިން ހަމަލާދީ 50 މީހުން މަރާލި ބްރެންޓޮން ޓެރަންޓް، 28، ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަނީ/ފޮޓޯ: ރޮއިޓާޒް

ހަތިޔާރާއެކު ނިއުޒީލަންޑްގެ ފުލުހުން ފޯރިމަރަން ނެރެނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަކަށެވެ. އަދި މިއީ ވަކި ނުރައްކަލެއް އޮވެގެން އަޅާ ފިޔަވަޅެއް ނޫންކަމަށްވެސް ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާޗް 15 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ދައުވާ ކުރަމުންދަނީ އޮސްޓްރޭލިއާއަށް އުފަން، ބްރެންޓޮން ޓެރަންޓްގެ މައްޗަށެވެ. ޓެރަންޓްވަނީ އަސްކަރީ ބަރު ހަތިޔާރު ބޭނުންކޮށްގެން އާންމު ރައްޔިތުންތަކަކަށް ހަމަލާދީ، 51 މީހަކު މަރާ، އެތައް ބަޔަކު ޒަހަމްކޮށްފައެވެ. އޭނާ މި އަމަލު ހިންގާފައިވަނީ ފޭސްބުކްލައިވް މެދުވެރިކޮށް، އެމަންޒަރުތައް ދުރަށް ފޮނުވަމުންނެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އެކަކު/ފޮޓޯ: ހެރާލްޑް ސަން

އޭނާއާއި ދެކޮޅަށް އުފުލާފައިވާ 92 ދައުވާއަކަށް ޓެރަންޓް ދަނީ އިންކާރު ކުރަމުންނެވެ. ޓެރަންޓްއާއި ދެކޮޅަށް ހިންގާ ޝަރިއަތުގެ މަޖިލީހުގެ ބައްދަލުވުމެއް ދެން އެންމެ އަވަހަށްވެސް އޮންނާނީ، 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.