ގެލެކްސީ އެސް10 މަރުކާގެ ފޯނުތަކަކީ ކޮންމެ މީހެއްގެ އިނގިލީގެ ނިޝާން ޖަހައިގެން ހުޅުވޭ ފޯނުތަކެއްކަމަށް ސަމްސަންގް ކުންފުނިން އިއުތިރާފުވެއްޖެއެވެ.

މިއީ ގެލެކްސީ އެސް10 މޮޑެލްގެ ފޯނުތައް ކޮންމެ މީހެއްގެ އިނގިލީގެ ނިޝާނުން ހުޅުވެނީ ސޮފްޓްވެއާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާ، މިކަން ހައްލު ކުރާނެ ކަމަށް ސަމްސަންގް ކުންފުނިންވަނީ ބުނެފައެވެ.

ގެލެކްސީ އެސް10 މޮޑެލްގެ ފޯނުތައް ކޮންމެ މީހެއްގެ އިނގިލީގެ ނިޝާނުން ހުޅުވޭ މައްސަލަ ފެންމަތިވީ އިނގިރޭސިވިލާތުގެ އަންހެނަކު ގެންގުޅެމުންދިޔަ މި މޮޑެލްގެ ފޯނެއް، އޭނާގެ ފިރިމީހާއަށް އެ ފިރިހެން މީހާގެ އިނގިލީގެ ނީޝަން ބޭނުންކޮށްގެން ހުޅުވުނީމައެވެ. ފިރިމީހާ ލައްވާ ފޯނު ހުޅުވަން މި އަންހެން މީހާ މަސައްކަތްކުރީ ފޯނުގަނެގެން އައުމަށްފަހު އޭނާގެ ކަނާތު ބޮޑުވައި އިނގިލި، ފިންގަޕްރިންޓް ވެރިފިކޭޝަންގައި ލޮގް ކުރި ފަހުން، އޭނާގެ ވާތު ބޮޑުވައި އިނގިލިންވެސް ފޯނު ހުޅުނު ހިސާބުންނެވެ.

މިކަން މިހެން ހިނގާކަން ސަމްސަންގްއަށް އެނގޭ ކަމަށް އެކުންފުނިން އިއުތިރާފުވެފައިވާއިރު، ޓެކްނޮލޮޖީގެ މާހިރުންވަނީ ސަމްސަންގް ކުންފުނިން މައްސަލަ ހައްލުކުރަންދެން ފިންގްޕްރިންޓް އޮތޮންޓިކޭޝަން ފީޗާ އޮފްކޮށް، އެނޫން ސެކިއުރިޓީ ފީޗާތައް ބޭނުން ކުރުމަށް ގޮވާލާފައެވެ.

މިއަހަރުގެ މާޗްމަހުގެ ތެރޭގައި ސަމްސަންގް ކުންފުނިން ގެލެކްސީ އެސް10 މޮޑެލްގެ ފޯނުތައް ތައާރަފުކުރީ މި ފޯނުތަކުގައި ބޭނުންކުރާ ފިންގާޕްރިންޓް އޮތޮންޓިކޭޝަން ނިޒާމަކީ، އިންގިލާބީ ނިޒާމެއް ކަމަށް ބުނެ، އެ ފޯނުގެ ސެކިއުރިޓީ ފީޗާޓައް ޕްރޮމޯޓްކޮށްގެންނެވެ.