އެމްޑީޕީއަށް ވުރެ ވަކިން ބޮޑަށް ދީނަށް އުޅޭ އެހެންބަޔަކު މިރާއްޖޭގައި ނޫޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވަން ދަރުބާރު ގޭގައި ބޭއްވި ބައްދަލުވުމުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ނަމާދު ކުރިއަސް، ޒަކާތްދިނަސް، މީހުންނަށް ހެޔޮލަފާ ނަސޭހަތް ދިނަސް، އެމްޑީޕީއަށް ވުރެ ވަކިން ބޮޑަށް ދީނަށް އުޅޭ އެހެން ބަޔަކު މިރާއްޖެއަކުން ނުފެންނާނެ ކަމަށެވެ.

އެމަނިކުފާނުގެ މި ވާހަކަފުޅު ދައްކަވާފައި މިވަނީ، މިހާރު ހޫނު ބަހުސަކަށް ވެފައިވާ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނަޝީދު ދައްކަވާފައި ވާހަކަފުޅުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އެމަނިކުފާނާއި އެމްޑީޕީއާ ދެކޮޅަށް ޝުއޫރުފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި، އިސްލާމިކް މިނިސްޓްރީއާއި، ދީނީ ބައެއް ޢިލްމުވެރިން ވަނީ ބަސް ވިދާޅުވެފައެވެ. އަދި ސަރުކާރުން ބުނެފައިވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ބަލާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި، ސާފު ނައްސުން އައިސްފައި ހުރި ދީނުގެ ބައެއް އަސާސްތަކާ މެދު ސުވާލު އުފައްދާފައިވެއެވެ.