ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

"ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" އަކީ ނޭދެވޭ އަމަލުގެ ގޮތުގައި ބަޔާން ކޮށްފައި ވާފަދަ ކަމަކާ ގުޅޭ މައުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯ ކުރުމުގައި، އަމަލުކުރާނެ އުސޫލުތައް ބަޔާން ކުރުމުގެ ބިލެކެވެ. އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީ ވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ އަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުންވެސް ބިލުގެ މަގުސަތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ގާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން ވެސް ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.