ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، ހއ. އަތޮޅުން ދ. އަތުޅަށް ވައިޓް އެލާތް ނެރެފައި ވާކަމަށެވެ. އަދި އެ ސަރަހައްދަށް މިއަދު ހެނދުނު 11:15 އިން ފެށިގެން މެންދުރު ފަސް 3:00 އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން މެތް އޮފީހުން ބުނެފައި ވަނީ، ރޭ 8:00 އިން ފެށިގެން މިރޭގެ 8:00 އާ ދެމެދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުނ ވެފައެވެ. އެގޮތުން އައްޑޫއަށް ވަރަށް ބޯކޮށް ވާރޭ ވެހި މި ދިޔަ ހަފްތާތެރޭގައި އެ އަތޮޅުގެ ގިނަ ގެއަކަށް ފެންވަދެ ފުލުހުންނާއި ސިފައިންނާއި އަތޮޅު ކައުންސިލުން ވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.