އޮންލައިން ޕޭމަންޓް ގޭޓްވޭއެއް ގާއިމުވެފައި ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ޑިޖިޓަލް އިކޮނޮމީއާ ދިމާލަށް މިސްރާބް ޖަހާފައި ވާއިރު، ރަނގަޅު ޕޭމަންޓް ގޭޓްވޭއެއް ރާއްޖޭގައި ގާމުވެފައި ނެތުމަކީ މިހާރުވެސް ދިމާވަމުންދާ ބޮޑު ގޮންޖެހުމެއް ކަމަށާއި ރާއްޖޭގެ ބޭންކިންގެ ނިޒާމަށް އެ ބަދަލު އަންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެންމެބޮޑު އިގްތިސާދީ އެއް މަސައްކަތަކީ ފަތުރުވެރިކަން ކަމުގައި ފާހަގަ ކުރައްވާ މަލީހު ވިދާޅުވީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންނަށް މިވަގުތު ޖެހިފައިވާ އެންމެބޮޑު ގޮންޖެހުމަކީ ހަގީގަތުގައި ކޮންވެންޝަނަލް ނިޒާމުގެ ތެރެއިން ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުން ކަމެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގޭޓްވޭ މިވަގުތު ހިލޭ ލިބުނުކަމުގައި ވީނަމަވެސް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަން މަލީހު ފާހަގަ ކުރެއްވިއެވެ. އެގޮތުން ބައެއް ޓްރެވަލް އެޖެންސީތަކަށް ބީއެމްއެލްގެ ގޭޓްވޭ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް ލިބެނީ އެއްމަސް ދުވަސް ފަހުން ކަމަށާއި ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތައް ބުކިން ހެދުމަށްފަހު، އައުމުގެ ކުރިން ރިސޯޓްތަކަށް ލާރިދައްކަން ޖެހޭއިރު، އެކަން އެގޮތަށް ކުރާނަމަ ބޮޑު ކޭޝް ފްލޯއެއް ޓްރެވަލް އެޖެންސީތަކުގައި ހުންނަން ޖެހޭކަމަށް މަލީހު ވިދާޅުވިއެވެ. އެހެންކަމުން ބީއެމްއެލަށް ޕޭމަންޓް ޕްރޮސެސްވުމާއެކު ވީއެންމެ އަވަހަކަށް ޓްރެވަލް އެޖެންސީތަކަށް އެ ފައިސާ ލިބުމަކީ މުހިއްމު ކަމެއް ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެއިތުރުން މަލީހު ވިދާޅުވީ، ރާއްޖޭގެ މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ނަމުގައި ޕޭމަންޓް ގޭޓްވޭއެއް ގާއިމް ކުރަމުން އެބަ ގެންދާ ކަމަށެވެ. އެއީ ފުރިހަމަ ގޮތުގައި އިމްޕްލިމަންޓް ކުރެވިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.