ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ޝަހީދު މުހައްމަދު އެކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ ޝަހީދުު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއިން ކުރިއަށް ގެންދަން ބޭނުން ވާތީ، އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުވައްސަަސާތަކުގެ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި އެވެ.

ޝަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ކޮމިޓީން ގެނައީ ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީން ބެލިބެލުމުން އެނގިފައިވާތީ އެވެ. ޝަހީދު ވަކިކުރުމަށް މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. ސީއެސްސީގެ މެންބަރު ކަމުން ޝަހީދު ވަކިކުރުމުގެ މަސައްކަތް ފެށިއިރު އޭނާ އަކީ 2017 ވަނަ އަހަރު އެ ކޮމިޝަންގެ ނައިބް ރައީސް އެވެ.