މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު، ޝަޒައިލް ސިޔާމް ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަޖުރަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ސަސްޕެންޑްކޮށްފައި ވަނީ، މި ސަރުކާރުގެ "ޒީރޯ ޓޮލިރެންސް ޓް ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ އޮންލައިން ޕޯޓަލްއަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ހޫދު ވިދާޅުވި ގޮތުގައި، ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ބެލެވޭ ކަމަށާއި އެކަންކަން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑް ކުރީ ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަޒައިލް ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާ އާއި މެދު ހުށަހަޅާފައި ވާ ތުހުމަތުތަށް ބަލައި ނިމެންދެން ސަސަޕެންޑު ކުރުމަށް ނިންމި ނިންމުމަށް އިހުތިރާމުކޮށް މަރުހަބާ ކިޔާ ކަމަށާއި ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށާއި ކޮރަޕްޝަނަގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ޝަޒައިލް މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހަމަޖެއްސީ، މިއަހަރުގެ ޖެނުއަރީ ހަވަނަ ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ރައީސް މައުމޫންގެ، ރިފޯމް މޫވްމަންޓްގެ ސުލޮޓެއްގެ ގޮތުގައެވެ.

ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައެވެ.