ފަލަސްޠީނާ ދެކޮޅަށް ފަލަސްޠީނުގެ ބިމުގައި ފުޓުބޯޅަ މެޗެއް ކުޅުމަށް އަލް-ރާމްއަށް ވަނުމުގެ ހުއްދައަކަށް އެދި ސައުދީ އަރަބިއްޔާއިން އިސްރާއީލުގެ ހުއްދަ ހޯދުމާއެކު، ގިނަ ބައެއްގެ ފާޑުކިއުންތައް ސައުދީގެ ގައުމީ ފުޓުބޯޅަ ޓީމަށް އަމާޒުކުރަން ފަށައިފިއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދަ އެކްޓިވިސްޓުން، ސައުދީއާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު، ފަލަސްޠީނާ ދެކޮޅަށް އަރަބި ގައުމުތަކުން ކުޅޭ ބައިނަލްއަގުވާމީ މެޗުތައް މުޅިންހެންވެސް މިހާތަނަށް ކުޅެފައިވަނީ 3 ވަނަ ގައުމެއްގައެވެ. މިކަން މިގޮތަށް ކުރަނީ، ފަލަސްޠީނަށް އެތެރެވުމަށް ހޯދަންޖެހެނީ އިސްރާއީލުގެ ހުއްދައެއް ކަމަށްވާއިރު، އިސްރާއީލަކީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންފައިވާ ބައެއްކަމުން، އެކަން ބަލައިގަތުމަށް އަރަބި ގައުމުތަކުން އިންކާރުކުރާތީއެވެ.
މި ފިކުރާ ހިލާފަށް އިސްރާއީލުގެ ހުއްދައަށް އެދިގެން ސައުދީގެ ގައުމީ ޓީމު ފަލަސްޠީނުގެ ބިމަށް އަރާ، އިރުމަތީ ގުދުސްގެ އުތުރުން އޮންނަ ފައިސަލް އަލް ހުސައިނީ ސްޓޭޑިއަމްގައި ފަލަސްޠީނާ ދެކޮޅަށް ކުޅެފައިވަނީ 2022 ވަނަ އަހަރުގެ ވާލްޑް ކަޕް މުބާރާތާ، 2023 ވަނަ އަހަރުގެ އޭޝިއާ ކަޕަށް ކުޅޭ ޑަބަލް ކޮލިފައިންގް މެޗެކެވެ. އަންގާރަ ދުވަހު ކުޅުނު މިމެޗް ނިމިގެންދިޔައީ 2 ޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ނުޖެހި 0-0 އެއްވަރުވެގެންނެވެ.
ސައުދީގެ ފުޓުބޯޅަ އިދާރާއިން ބުނީ، ހުޅަނގު އައްސޭރީގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުމަށް ސައުދީއިން އެއްބަސްވީ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އެދުމުގެ މަތިން ކަމަށެވެ.
ޕަލަސްޓައިން ފުޓުބޯލް އެސޯސިއޭޝަންގެ އިސްވެރިޔާ ޖިބްރީލް ރަޖޫބު ވެސް ވަނީ ސައުދީގެ ނިންމުމަށް ޝުކުރު އަދާކޮށް، މިއީ ތާރީހީ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ. ސައުދީ ފުޓުބޯޅައިގެ އިސްވެރިޔާ ޔާސިރު އަލް-މަޝާލްވެސް ވަނީ ޕީއޭގެ ފަރާތުން ސައުދީގެ ގައުމީ ފުޓުބޯޅަ ޓީމަށް އަދާކުރި ހޫނު މެހެމާނު ދާރީ ބަލައިގަންނަ ކަން ހާމަކޮށްފައެވެ.
ކަންމިހެން އޮތް ނަމަވެސް، ފަލަސްޠީނުގެ އެކްޓިވިސްނުންނަށް މިކަން ބަލައިގަނެވޭ ގޮތެއް ނުވިއެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި ފަލަސްޠީނަށް އެތެރެވުމަށް އިސްރާއީލުގެ ހުއްދަ ހޯދުމަކީ، އިސްރާއީލާ އޮންނަ ގުޅުންތަކަކީ އާންމު ގުޅުމެއް ކަން އަންގައިދޭ ކަމެއް ކަމެކެވެ. އަދި އަރަބި ގައުމުތަކުން ކުޅިވަރުގެ ނަމުގައި އިސްރާއީލަށް ކިޔަމުންދާ މަރުހަބާއާއި އަދާކުރަމުންދާ މެހެމާނުދާރީ ކުށްވެރިކޮށް، ފަލަސްޠީނުގެ އެކްޓިވިސްޓުން ވަނީ އަޑުއުފުލަން ފަށާފައެވެ.
މެޗު ބަލަން ދަނޑަށް ދިޔަ އެކްޓިވިސްޓުން ވަނީ ސައުދީއާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއްވެސް ދަނޑުގައި ހިންގާފައެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުން ތިބީ، ސައުދީ އިސްވެ އޮވެގެން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނުގައި ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި އަނިޔާ ލިބޭ ރައްޔިތުންނާ އެކުގައިކަން އަންގައިދިނުމުގެ ރަމްޒެއް ކަމުގައި ބުނެ، ފަލަސްޠީނުގެ އެކްޓިވިސްޓުން ވަނީ ސްޓޭޑިއަމް ތެރޭގައި ޔަމަނުގެ ގައުމީ ދިދަ ވިހުރުވާފައެވެ.
މިދަނޑުވަޅުގައި ރަޖޫބު ބުނީ ސައުދީގެ ނިންމުމަކީ އެ ގައުމުގެ އެއްބާރުލުން ފަލަސްޠީނަށް އޮތްކަން އަންގައިދޭ ނިންމުމެއް ކަމަށެވެ. އަދި ކުޅިވަރު ސިޔާސީ ނުކުރުމަށް ހިފާފައިވާ އަޒުމަށް ކާމިޔާބު ލިބެމުންދާކަން މިކަމުން އަންގައިދޭ ކަމަށްވެސް ރަޖޫބުވަނީ ސިފަކޮށްފައެވެ. ރަޖޫބަކީ އިސްރާއީލުގެ ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗުތަކާ ދެކޮޅަށް މީގެ ކުރިން އަޑުއުފުލަމުންދިޔަ ފަރާތެއް ކަމުން، ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.