މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ފިކުރުގެ ބަޔަކު ޝަކުވާކޮށްލުމުން ޝޭހުންނަށް ބިރު ދައްކަނީތޯ އައްސަވާ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއޮތްހާ ދުވަހު ރާއްޖޭގެ "ލޮބުވެތި" ރައްޔިތުން ސޯޝަލް މީޑިއާގައި "ބޭން އެމްޑީއެން" ގޮވާ އިރުވެސް ސަރުކާރަށް އެ އަޑު ނީވޭ ކަމަށެވެ. އެމްޑީއެން "ފިކުރުގެ" ބަޔަކު ޝަކުވާއެއް ކޮށްލާއިރަށް ޝެއިހުންނަށް ވަޒީފާގެ ބިރުދައްކަނީތޯ ވިދާޅުވެ ޒައިދު ވަނީ ސުވާލު ކުރައްވާފައެވެ. އަދި ތިލަފަތް އޮތީ އެމްޑީއެން ކޮޅަށް ބަރުވެފައި ކަމަށް ވިދާޅުވެ ޒައިދު ވަނީ ކުރެއްވި ހުވާ ކޮބާތޯ އައްސަވާފައެވެ.

ޒައިދު މިފަދައިން ޓްވީޓް ކުރައްވައިފައި ވަނީ އެމްޑީއެންގެ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާއިންނަށް އެމްޑީއެންއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ނުކުރުމަށް އެންގުމުންނެވެ.

އަލީ ޒައިދުގެ އިތުރުން އެހެން ދީނީ އިލްމުވެރިން ވެސް ދަނީ އެމްއެންޔޫގެ މި ނިންމުމަށް ރައްދު ދެއްވާމުންނެވެ. އެ ގޮތުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ފަސާދަ ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުއްވުމަކީ އަނިޔާއެއް ކަމަށެވެ.

ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ، އެބޭފުޅުންނަކީ ދުވަހަކުވެސް އަނިޔާވެރިވާނެ، އަދި ހަރުކަށި ކަމަކަށް ގޮވާލާނެ ބައެއް ނޫން ކަމަށެވެ. އެއްވެސް ދިވެހި ރައްޔިތެއްގެ މުދަލަށް ނަފްސަށް އަދި ފުރާނައަށް ގެއްލުމެއް ދީގެން ނުވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. ހަމައެއާއެކު އިސްލާމް ދީން ދިފާއު ކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު މުވައްޒިފުންނަށް ފޮނުއްވި އެންގުމެއް ގައި ވަނީ، އެމްޑީޢެންގެ މައްސަލައިގައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ. މީގެއިތުރުން، އެފަދަ ވާހަކަތައް ސޯޝަލް މީޑިއާއާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް އެ އެންގުމުގައި ބުނެފައި ވެއެވެ.