ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކޮށް ބަޔާން ނަގަން ފަށައިފިއެވެ.

ޖޭއެސްސީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފަނޑިޔާރުން ހާޒިރު ކުރަނީ ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ. އެގޮތުން ފަނޑިޔާރުން ބަޔާން ނެގުމަށް ހާޒިރު ކުރެވެނީ ގާނޫނުގައި ބުނާގޮތުން 12 ގަޑިއިރުގެ ނޯޓިސް ދިނުމަށް ފަހު ކަމަށެވެ.

"ހެނދުނުއްސުރެ ފެށިގެން ކުދިން މަސައްކަތުގައި އެއުޅެނީ، މިރޭ ހާޒިރުވާން 2 ބޭފުޅަކު ހާޒިރުވާން އޮތަސް އެއް ބޭފުޅަކު އުޒުރެއް ދިމާވެގެން ވަޑައި ނުގަންނަވާ، ދެން މިރޭ ބަޔާން ނަގަމުން ދަނީ، ފަނޑިޔާރު އަބްދުޣަނީ މުހައްމަދު" ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވިއެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބަޔާން ނަގަނީ، ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތަކާ ގުޅިގެންނެވެ.

ސުލޫކީ މައްސަލަ ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.