ފުލުހަކު ބަޔަކު ބްލެކްމެއިލް ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 6 ވަނަ ދުވަހު ފުލުހަކު ބަޔަކު ބްލެކްމެއިލް ކުރާ ކަމުގެ މައްސަލައެއް އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ. އަދި މި މައްސަލައިގައި ޖިނާއި ތަހްގީގުގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ކޮމާންޑުން ވެސް މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގާފައި ވަނީ މެދުރާއްޖެ ތެރޭ ރަށެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ބްލެކްމެއިލްގެ މި ހާދިސާ ފެންމަތިވެފައި ވާއިރު މިމަހުގެ 5 ވަނަ ދުވަހު މާލޭގައި ވަނީ 19 އަހަރުގެ އަންހެނަކު ބްލެކްމެއިލް ކޮށްގެން އޭނާ ރޭޕް ކުރަން އުޅުނު މައްސަލައެއްގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި މައްސަލައެއްވެސް ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، އެ އަންހެން މީހާއާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގާފައި ވަނީ ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށެވެ.